ޚަބަރު
ސަޢޫދީ ޑިވެލޮޕްމެންޓް ފަންޑުގެ ސީއީއޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ސަޢޫދީ ޑިވެލޮޕްމެންޓް ފަންޑުގެ ސީއީއޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ އަށާއި، އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުންނާއި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދެއްކެވި ވާހަކަފުޅުގައި، އެ ފަންޑާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ އިސްތިރާޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ މި ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމަށް ސަޢޫދީ ފަންޑުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ އެހީގައި މިހާތަނަށް ކާމިޔާބުކަމާއެކު ހިންގާފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުންނެވެ. އަދި ދެފަރާތުގެ ދެމެދުގައި އޮތް އެއްބާރުލުން ކުރިމަގުގައި ވެސް އިތުރަށް ފުޅާކުރެއްވުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.