ޚަބަރު
ރާއްޖޭގެ ތަރައްޤީއަށް އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވޯލްޑް ބޭންކުން ދީފި
ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ވަރލްޑް ބޭންކުން ދެއްވައިފިއެވެ.
މި ޔަޤީންކަން ދެއްވީ އެ ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރލްޑް ބޭންކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި، ޞިއްޙީ ދާއިރާ ހަރުދަނާކުރުމާއި، ހަކަތައިގެ ދާއިރާ ކުރިއެރުވުން ފަދަ ސަރުކާރުން އިސްކަންދެއްވާ ތަރައްޤީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން، ބޭރުން އެތެރެކުރާ ފޮސިލް ފިއުލްއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތެޔޮ އެތެރެކުރުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މުހިންމުކަމަށް މި ބައްދަލުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ވަރލްޑް ބޭންކުގެ ނައިބު ރައީސް ޒުޓް ވަނީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމުގެ ފުޅާ ފުރުޞަތުތަކެއް އޮތްކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަމުންދާއިރު، ތަރައްޤީގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި އަދި ޤައުމުގެ ދުރު ރާސްތާގެ ބޭނުންތަކަށް ރިޢާޔަތްކުރެވިގެން ހިންގޭ މަޝްރޫޢުތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކަށާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، މިފަދަ ކަންކަމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.