ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރާނަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ދެމަފިރިއަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އެ ދެމަފިރިން ވަނީ އެމީހުން ދިރިއުޅޭ އިމާރާތުގައި ނުރައްކާތެރި ކުއްލި ހާދިސާއެއް ހިނގައިފިނަމަ، އެކަން އެނގޭނެ ފަދަ އިންތިޒާމެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ބިރުވެރިކަމާއި ކަންބޮޑުވުން ރައީސާ ހިއްސާކޮށްފައެވެ.
އެގޮތުން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަގުތުން އެކަން އަންގައިދޭނެ ޚާއްޞަ ނިޒާމެއް އިމާރާތްތަކުގައި ޤާއިމުވެފައި ހުރުމުގެ މުހިންމުކަން އެމީހުން ފާހަގަކުރިއެވެ.
މީގެ އިތުރުން، މި ދެމަފިރިންގެ ތިން ދަރިން ސްކޫލުގައި ތަޢުލީމު ޙާޞިލުކުރަމުންދާއިރު، އެ މާހައުލުން ދިމާވާ ބައެއް ދަތިތައްވެސް ވަނީ ފާހަގަކޮށްފައެވެ.
އެ ދެމަފިރިންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން އަލަށް ތަރައްޤީކުރާ ފްލެޓްތަކުގައި އެމަޖެންސީ ހާލަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން އެނގޭނެ ފަދަ ޒަމާނީ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިހާރު ހުރި އިމާރާތްތަކުގައިވެސް އެފަދަ ފަރާތްތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު، ސްކޫލް މާހައުލުން ދިމާވާ ދަތިތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ތަޢުލީމީ ދާއިރާގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތްތަކަށް ވާސިލުވެވޭނެ ގޮތަށް އެކްސެސްބިލިޓީ އިތުރަށް ރަނގަޅުކޮށް، ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.