ޚަބަރު
ގެއަށް ގެންދަން ލިބޭ މުސަރާ ކުރިއަށްވުރެ ބޮޑުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: ރައީސް
"ރައްޔިތުންގެެެ އަޑު" ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ މީހަކާއި ބައްދަލުކުރަނީ / ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މުރާޖައާކުރާއިރު، އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ ކުޑަނުވާނެ ގޮތަށް މުސާރަތައް ކަނޑައެޅުއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ޕްރޮގްރާމްގެ 6 ވަނަ އެޕިސޯޑުގައި އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޕްރޮގްރާމުގައި ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅަކު ވަނީ، މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށި ނަމަވެސް ބައެއް މުވައްޒަފުން އެ އޮނިގަނޑަށް ނުފެތޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ކަންބޮޑުވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އެއްވެސް މުވައްޒަފަކު ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެކަމަށް ނޭޝަނަލް ޕޭ ކޮމިޝަނަށް އަންގަވާފައިވާނެ ކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ ހުރިހާ މުވައްޒަފުންނަށްވެސް ކުރިއަށްވުރެ އެދެވޭ މިންވަރަކަށް އާމްދަނީ އިތުރުކޮށްދިނުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭނުންވަނީ ހުރިހާ މުވައްޒަފުންނަށްވެސް ގެއަށް ގެންދަން ލިބޭއެއްޗެއް ކުރިއަށްވުރެ ބޮޑުވަން. އެގޮތަށް ހައްލުނުވެ ތިބި ހުރިހާ އެންމެނަށް އެކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރާނަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އެންމެ ފަހުން ރަސްމީކޮށް ބޮޑުކޮށްފައިވަނީ ނޭޝަނަލް ޕޭ ހާމަނައިޒޭޝަން ފްރޭމްވޯކްގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ބަދަލުގެ ދަށުން، މީގެ ކުރިން މުސާރަ ބޮޑުނުވެ ތިބި އާންމު ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުން ޝަރުޢީ ދާއިރާ (ޖުޑިޝަރީ) އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށްވެސް ވަނީ ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސްދީފައެވެ.