Ads by Farudhun

ޚަބަރު

ޤައުމީ ޤުރުއާން މުބާރާތާ ގުޅިގެންދޭ ސްކޮލަރޝިޕްގެ އުސޫލު އާންމުކޮށްފި

ޤައުމީ ޤުރުއާން މުބާރާތާ ގުޅިގެންދޭ ސްކޮލަރޝިޕްގެ އުސޫލު އާންމުކޮށްފި

37ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން---

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2026، 06:17

18 ސެޕްޓެމްބަރު 2026، 06:17

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން 1 ވަނަ ހާސިލުކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕުގެ އުސޫލު އެކުލަވާލައި އާންމުކޮށްފިއެވެ.

ޤައުމީ ޤުރުއާން މުބާރާތުގެ އެކި ބައިތަކުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސްކޮލަރޝިޕް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މި ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ތިން ބައިންވެސް 1 ވަނަ ހާސިލްކުރާ ދަރިވަރުންނަށެވެ. ނަމަވެސް، މުބާރާތުގެ އެއްބަޔަށް ވުރެ ގިނަ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދި ނަމަވެސް ނުވަތަ ތަފާތު އެކި އަހަރުތަކުގައި އެއް ފަރާތެއް ތަކުރާރުކޮށް 1 ވަނައަށް ހޮވުނު ކަމުގައި ވިޔަސް، އެ ފަރާތަކަށް މި ސްކޮލަރޝިޕް ދެވޭނީ އެއް ފަހަރުއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެނީ ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފުލްޓައިމްކޮށް ކިޔެވުމަށެވެ. މި ލެވެލްތަކުގެ ތެރެއިން ލެވެލްއެއް ކުރިން ހާސިލުކޮށްފައިވާ ނަމަ، ސްކޮލަރޝިޕް ލިބޭނީ އެ ހާސިލުކޮށްފައިވާ ސަނަދަށް ވުރެ މަތީ ސަނަދެއް ހާސިލުކުރުމަށެވެ. މި އުސޫލުގެ ދަށުން ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

މީގެއިތުރުން ކިޔެވުން ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ނުވަތަ ރާއްޖެއާއެކު ޚާރިޖީ ގުޅުން އޮންނަ އަދި ދަރިވަރުން ތިބުމަށް ރައްކާތެރި ޤައުމުތަކުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައެވެ. އަދި ދެ މަރުކަޒެއް ގުޅިގެން ހިންގާ "ޓްވިނިންގ" ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް އޮވެއެވެ. ރާއްޖޭގެ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނަށް ކަނޑައެޅިފައިވާ ސްޓައިޕެންޑް ރޭޓުގެ އިތުރުން ކޮންމެ މަހަކު 6000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. މި ފައިސާ ދޫކުރާނީ ކޮންމެ ހަ މަހަކުން އެއްފަހަރުއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ފުރަތަމަ ޑިގްރީ ނިންމުމަށްފަހު މާސްޓަރސްއަށް އަދި މާސްޓަރސްއަށްފަހު ޕީއެޗްޑީ ފެށުމަށް ގިނަވެގެން ދެވޭނީ 2 އަހަރުގެ މުއްދަތެކެވެ. މަޤްބޫލު އުޒުރެއް އޮވެގެން ހުއްދަ ހޯދައިގެން ކިޔެވުން ފަސްކުރި ނަމަވެސް، އިތުރަށް ލިބޭނީ 2 އަހަރެވެ. އެ މުއްދަތުގައި ނުފަށައިފިނަމަ ސްކޮލަރޝިޕް ބާޠިލުވާނެއެވެ.

މި އުސޫލުގެ ދަށުން ކިޔަވާ ދަރިވަރުން ކިޔެވުން ނިންމުމަށްފަހު ދިވެހި ސަރުކާރަށް ޚިދުމަތްކުރުން ލާޒިމުވެއެވެ. އެގޮތުން ރާއްޖެއިން ބޭރުން ކިޔަވާ ދަރިވަރުންގެ ކޯހުގެ މުއްދަތަކީ 2 އަހަރާއި 4 އަހަރާ ދެމެދު ނަމަ 5 އަހަރު، އަދި 4 އަހަރަށް ވުރެ ދިގުނަމަ 7 އަހަރު ޚިދުމަތްކުރަންޖެހެއެވެ. ރާއްޖޭގައި ކިޔަވާ ދަރިވަރުންގެ ކޯހުގެ މުއްދަތު 18 މަހަށްވުރެ ދިގުނަމަ 4 އަހަރު ޚިދުމަތްކުރަން ޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތަށް ޚިދުމަތް ނުކޮށްފިނަމަ ސްކޮލަރޝިޕަށް ދައުލަތުން ކުރި ޚަރަދު އަނބުރާ ދައްކަންޖެހޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450