Ads by Farudhun

ޚަބަރު

ދިވެހީންގެ ހަރުމުދާތައް އަނބުރާ ހޯދުމަށް އެއްބާރުލުން ދޭނީ ޤައުމީ ވިންދު ހުރި ބަޔަކު: ރައީސް

ދިވެހީންގެ ހަރުމުދާތައް އަނބުރާ ހޯދުމަށް އެއްބާރުލުން ދޭނީ ޤައުމީ ވިންދު ހުރި ބަޔަކު: ރައީސް

ރައީސުލްޖުމުޙުރިއްޔާ ޑރ މުހައްމަދު މުއިއްޒު ޕީއެންސީގެ އެންމެ މަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

19 ސެޕްޓެމްބަރު 2026، 01:34

19 ސެޕްޓެމްބަރު 2026، 01:34

ރާއްޖޭގެ ވިއްކާލާފައިވާ ހަރުމުދާތަކާއި ކުންފުނިތަކުގެ ހިއްސާތައް އަނބުރާ ދިވެހި ރައްޔިތުންގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭނީ ޙަޤީޤީ ޤައުމީ ވިންދު ޖަހާ ބަޔަކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވުނު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެ ޕާޓީގެ ރައީސްކަންވެސް ކުރައްވާ ރައީސް މުޢިއްޒު ވަނީ ކުރީގެ ސަރުކާރުތަކުން ޤައުމުގެ އިޤްތިޞާދަށް ދީފައިވާ ގެއްލުންތަކުން އަރައިގަތުމަށް މި ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތަފްޞީލު ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ މާލީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށާއި، ނަމަވެސް ސަރުކާރުން ކުރި ބުރަ މަސައްކަތުން ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަމުންދާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ދެއްކި 50 މިލިއަން ޑޮލަރާއެކު، މިހާތަނަށް ޖުމްލަ 1.342 ބިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން ދައްކައި ޚަލާޞްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެގޮތުން ކުރެވުނު މަސައްކަތުން އިއްޔެއާ ހަމައަށް، އިއްޔެ ދެއްކި 50 މިލިއަން ޑޮލަރާ އެކީގައި މި ސަރުކާރުން، މިދިޔަ އެތައް ސަރުކާރަކުން ނަގާފަހުރި ދަރަނީގެ ތެރެއިން 1.342 ބިލިއަން ޑޮލަރު ދައްކައިފިން"

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އެ ޕާޓީގެ ވެރިކަމުގައި ހަމައެކަނި ބޮޑެތި ދަރަނިތައް ނެގީއަކީ ނޫނެވެ. ދިވެހީންގެ މުހިންމު އެތައް ހަރުމުދަލަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ ސްޓްރެޓީޖިކް ތަންތަން ވިއްކާލުމުގެ އިތުރުން ގިނަ ކުންފުނިތަކެއް ރަހުނުވެސް ކުރިއެވެ. މިގޮތުން، އެމްޑީޕީ ސަރުކާރުން ނެގި 532 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކައި، ދިވެހީންގެ ހަރުމުދާތައް ރަހުނުން މި ސަރުކާރުން ސަލާމަތްކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ނިންމީ މީގެ ކުރީގަ މި ފަނާކުރަނިވި ފިކުރުން އަޅުގަނޑުމެންގެ ދިވެހީންގެ އަތްމަތީގައި ހުރި އެކިއެކި ކުންފުނިތަކުން ދޫކޮށްލާފައި ހުރި ހިއްސާ ވެސް ހޯދަން. އެހެންވީމަ ވިއްކާލަ އޮތް ދިރާގުގެ ހިއްސާއާ ވިއްކާލާފަ އޮތް އެމްޑަބްލިއުއެސްސީގެ ހިއްސާ ވެސް ހޯދަން އަޅުގަނޑުމެން މި ނިންމީ. ދިވެހީންގެ އަތްމައްޗަށް އެ ދެކުންފުނި ގެންނަން މި ނިންމީ"

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މީގެއިތުރުން، ކުރީގެ ވެރިކަންތަކުގައި ބޭރުގެ ފަރާތްތަކަށް ވިއްކާލާފައިވާ ކުންފުނިތަކުގެ ހިއްސާތައް އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އިއުލާނު ކުރައްވަމުން ރައީސް ވިދާޅުވީ، ދިރާގާއި އެމްޑަބްލިޔުއެސްސީގެ ވިއްކާލާފައިވާ ހިއްސާތައް އަލުން އަނބުރާ ދިވެހި ސަރުކާރާއި ރައްޔިތުންގެ މިލްކިއްޔާތަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

"ދިވެހީންގެ ރާއްޖެއެއް ޤާއިމުކުރަންޏާ ދިވެހީންގެ ހަރުމުދާތައް އަނބުރާ ލިބެންޖެހޭނެ. އެ ވާހަކަ ދައްކަން ފެށުމުން އިދިކޮޅުން އެކަމާވެސް ދެކޮޅަށް ތެދުވީ. 'އެންމެ ފުރަތަމަ ޤައުމު' ގެ ވިންދު ހުންނަ މީހަކު ނަމަ، ދިވެހީންގެ ހަރުމުދަލާއި ކުންފުނިތައް ދިވެހީންގެ އަތްމައްޗަށް ގެންނަން ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެ. ޕީއެންސީގެ ފިކުރާއި އެހެން ފިކުރުތަކުގެ ތަފާތަކީ މިއީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހީންނަށްޓަކައި އޮތް އެންމެ އިސް މަސްލަހަތަކީ ދިވެހި ޤައުމު ކަމަށާއި، މި މިސްރާބުން ކުރިއަށް ދިއުމަށް އޮތް އެންމެ ޔަގީން މަގަކީ ޕީއެންސީގެ ފިކުރާއެކު ސާބިތުވެ ތިބުން ކަމަށެވެ.

ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި މި ޖަލްސާއަކީ އެ ޕާޓީގެ މަތީ މަޖިލީހުގެ އާ މެންބަރުން އިންތިޚާބުކުރުމަށް ފަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތެވެ. މި ޖަލްސާގައި ޕާޓީގެ މަތީ މަޖިލީހުގެ އިއްތިފާޤުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ރިޔާސީ ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ރަސްމީކޮށް އަރުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450