Ads by Farudhun

ޚަބަރު

ދަރަނީގެ ގޮތުގައި 1.34 ބިލިއަން ޑޮލަރު ދައްކައިފި: ރައްޔިތުންގެ ކަންބޮޑުވުންތަކަށް އޮތީ އުފާވެރި މުސްތަގުބަލެއް - ރައީސް

ދަރަނީގެ ގޮތުގައި 1.34 ބިލިއަން ޑޮލަރު ދައްކައިފި: ރައްޔިތުންގެ ކަންބޮޑުވުންތަކަށް އޮތީ އުފާވެރި މުސްތަގުބަލެއް - ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޕީއެންސީގެ އެނމެ މަތީ މަޖިޅިހުގައި ބައިވެރިވެ ވަޑައިގަތުން - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

19 ސެޕްޓެމްބަރު 2026، 01:47

19 ސެޕްޓެމްބަރު 2026، 01:47

ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކުގެ ތެރެއިން މިހާތަނަށް 1.34 ބިލިއަން އެމެރިކާ ޑޮލަރު ދައްކައި ހަލާސްކޮށްފައިވާ ކަމަށާއި، އިގްތިސާދީ ގޮތުން ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތަކަށް ވަރަށް އަވަހަށް އުފާވެރި ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ނިންމުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދިނީ ވާރުތަވި ބޮޑު ދަރަނިން ގައުމު ސަލާމަތްކޮށް، ރަހުނުކޮށްފައިވާ ދައުލަތުގެ މުދާތައް މިނިވަންކުރުމަށް ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރާއި، އިއްޔެ ދެއްކި 50 މިލިއަން ޑޮލަރު ހިމެނޭހެން ޖުމްލަ 1.342 ބިލިއަން ޑޮލަރު މިހާތަނަށް ދައްކާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވެސް އޮތްގޮތަށް ދައްކައި ނިންމާލެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެގޮތުން ކުރެވުނު މަސައްކަތުން އިއްޔެއާ ހަމައަށް، އިއްޔެ ދެއްކި 50 މިލިއަން ޑޮލަރާއެކީގައި މި ސަރުކާރުން، މިދިޔަ އެތައް ސަރުކާރަކުން ނަގާފައި ހުރި ދަރަނީގެ ތެރެއިން 1.342 ބިލިއަން ޑޮލަރު ދައްކައިފިން."

ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ އިގްތިސާދު އޮތީ ތާރީހުގައި ވެސް ނުވެއްޓޭ ފަދަ ފުން އަނދަވަޅެއްގައެވެ. އަދި މަސައްކަތްތައް ފަށަން ޖެހުނީ އެއްވެސް އެއްޗެއް ނެތި "ސުމަކުން" ކަމަށާއި، އޭރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތު ބަޔާންކުރައްވަމުން، "ތިޖޫރީތައް ފަޅާލައި" ވައްކަންކޮށްފައިވާ ކަމަށް ވެސް ރައީސް ތުހުމަތު ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުން ބޭރު ފަރާތްތަކަށް ވިއްކާލާފައި ހުރި ހިއްސާތައް އަނބުރާ ހޯދައި ދިވެހީންގެ މިލްކިއްޔާތަކަށް ހަދަމުންދާ ކަމަށެވެ. އަދި "ދިވެހީންގެރާއްޖެ" ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރާއި ބައި އަދި އޭގެ ފަހުން ވެސް މަސައްކަތް ކުރައްވާނީ އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް ގައުމަށް ފުރިހަމަ ހަމަޖެހުމާއި ވަށާޖެހޭ ތަރައްގީ ގެނެސްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިޔަށް އޮތް ދެއަހަރާއި ބައިގެތެރޭގައި އަދި ރައްޔިތުން އެގޮތަށް ނިންމައިފިނަމަ ދެން އޮންނަ ފަސް އަހަރަކުވެސް މި ޕާޓީން ތަންފީޒުކުރާނީ މި ސިޔާސަތު، އެންމެ ފުރަތަމަ ގައުމު އިސްކޮށް އިސްލާމްދީނުގައި އޮންނަ ގޮތަށް. އަޅުގަނޑުމެންގެ ކަންކަން ހެޔޮގޮތުގައި ބައްޓަންކޮށް ވަށާޖެހޭ ތަރައްގީ، ގައުމުގައި މާނަހުރިގޮތުގައި ހަމަޖެހުން ގެނެސްދީ އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުން ހަމަޖެހުން ގެނެސްދިނުމުގެ ސިޔާސަތު ތަންފީޒުކުރާނަން."

 ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ބޭރު ފައިސާގެ ދަތިކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު މިހާރު ތަހައްމަލުކުރަން ޖެހިފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. އަދި ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ވިޔަފާރިވެރިން ވެސް ރައްޔިތުންނަށް ހައްގުވާ މިންވަރު ދޭންޖެހޭނެ ކަމަށާއި، މި ސަރުކާރުން އަބަދުވެސް އިސްކުރާނީ އާންމު ރައްޔިތުންގެ ލާބަޔާއި މަންފާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އިގްތިސާދީ މި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ބޮޑެތި ވިޔަފާރިވެރިންނަށް އަދި އާންމު ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުވެ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް މުސްތަގުބަލެއްގައި އުފާވެރިކަން ގެނެސްދެވޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450