ޚަބަރު
ޕީއެންސީގެ އައު ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި
ޕީއެންސީ ކޮންގްރެސް
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އައު ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.
ރައީސް މި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ މަޖިލީސް ނިންމުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
ޕީއެންސީން ހާމަކުރި ގޮތުގައި އެ ޕާޓީގެ އައު ވެބްސައިޓަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ ސައިޓެކެވެ. ޒަމާނީ ފީޗާތަކާއެކު މި ވެބްސައިޓް ލޯންޗުކުރިއިރު، ވެބްސައިޓުގެ އެހީގައި ޕާޓީގެ އެންމެ ފަހުގެ މަޢުލޫމާތުތަކާއި، ހިންގާ ހަރަކާތްތަކުގެ ތަފްޞީލު އަދި މެމްބަރުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ވަރަށް ފަސޭހައިން ލިބިގެންދާނެއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ބޭއްވުނު އެތެރޭގެ މުހިންމު އިންތިޚާބުތަކުގެ އެންމެހައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެއްކޮށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ތެރޭގައި މިހާ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ނިޒާމެއް މެދުވެރިކޮށް އިންތިޚާބެއް ކާމިޔާބުކަމާއެކު ނިންމައިލި މިއީ ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ނިޒާމުތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލްކޮށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މި ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި، ދަޢުލަތުގެ މުއައްސަސާތަކާއި ޕާޓީގެ އިދާރީ ހިންގުން ޑިޖިޓަލް ކުރުމުގެ ގިނަގުނަ މަސައްކަތްތަކެއް މިހާރު ވަނީ ފަށައިގެން ކުރިއަށް ގެންދެވިފައެވެ.
މީގެއިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ރިޔާސީ ޓިކެޓް، ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ރަސްމީކޮށް އަރުވާފައެވެ.