ޚަބަރު
ޕީއެންސީގެ މެންބަރުންގެ އަދަދު 80،000 އިން މައްޗަށް
ޕީއެންސީ ކޮންގްރެސް.
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ އަދަދު 80،000 އިން މައްޗަށް އަރާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް އެކަން އިއުލާނުކުރެއްވީ ޕީއެންސީގެ މަތީ މަޖިލިސް ނިންމުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ މީގެ 2 އަހަރާއި 10 މަސް ކުރިން އެ ޕާޓީ އޮތީ ގާތްގަނޑަކަށް 3،000 މެންބަރުންނާއި އެކުގައި ކަމަށާއި، އެ ދުވަހުން ފެށިގެން ޕީއެންސީގެ މެންބަރުން އިތުރު ކުރުމަށް ޕާޓީގެ މެމްބަރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
"ކުރަމުންދާ މަސައްކަތް ހަމަ ހުއްޓާނުލައި ފަތު އަޑުގައި، ބާރު ސްޕީޑްގައި ދަމުން، ދަމުން ގޮސް މިރޭ މިހިސާބަށް 80،083 މެމްބަރުން އެބަތިބި."
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ، ޕީއެންސީގެ މެންބަރުންގެ އަދަދު ކުރިއަށް އޮތް ތަނުގައި 100،000 އަށް އަރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޕީއެންސީގެ، މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ، ކޮންގްރެސް ނިމިގެންދާއިރު، އެ ޕާޓީގެ މެންބަރުންގެ އަދަދު 80،000 މެންބަރުންނަށްވުރެ މަތިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. ކޮންގްރެސް ފެށުނުއިރު އެ ޕާޓިގެ މެންބަރުންގެ އަދަދަކީ 79،364 ކަން ފަލާހު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ކޮންގްރެސް، 1300 އަށް ވުރެ ގިނަ މަންދޫބުންނާއެކު ފަށާފައި ވަނީ، މި މަހުގެ 15 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައެވެ. ކޮންގްރެސްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް ނިންމާފައެވެ.