ޚަބަރު
ޑރ. މުޙައްމަދު ޢަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢްޒިޔާ ދަންނަވައިފި
އަލްމަރްޙޫމް ޑރ. މުޙައްމަދު ޢަލީ---
ދައުލަތަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައި، 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އެ މަނިކުފާނު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
މަރްޙޫމް ޑރ. މުޙައްމަދު ޢަލީގެ ހަނދާންތައް އައުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނަކީ އިޖްތިމާޢީ އެކި ކަންކަމުގައި، ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ޑރ. މުޙައްމަދު ޢަލީ ފާހަގަކުރެވިފައިވަނީ ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއްގެ ގޮތުގައި ކަމަށާއި، އެމަނިކުފާނަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.
އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ. މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.