ޚަބަރު
ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުންފުޅު: 20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢާއެކު ރާއްޖެ ދުނިޔޭގެ ފަލަސުރުޚީތަކަށް!
ރަސްމާލެ ތަރައްގީ ކުރުމަށް ވެވުނު އެއްބަސް ވުމުގައި ސޮއި ކުރުން - ފޮޓޯ: ހައުސިންގ މިނިސްޓްރީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ހަރުދަނާ ތަޞައްވުރާއި ދުރުވިސްނުންފުޅުގެ ދަށުން، ރަސްމާލޭގައި ތަރައްޤީކުރާ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢު، މުޅި ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަސުރުޚީތަކުން ޖާގަ ހޯދައި ބައިނަލްއަޤްވާމީ ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ.
ރާއްޖޭގެ ތާރީޚުގައި ވެސް ބޭރުގެ ފަރާތަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މި އިންވެސްޓްމަންޓް ކުރިއަށްގެންދިއުމަށް ޔޫއޭއީގެ މަޝްހޫރު "އީގަލް ހިލްސް" ކުންފުންޏާއެކު ސޮއިކުރުމާ ގުޅިގެން، ބައިނަލްއަޤްވާމީ ނުފޫޒުގަދަ ނޫސްތައް ކަމަށްވާ "ދަ ނޭޝަނަލް"، "ގަލްފް ނިއުސް" އަދި "ޚަލީޖް ޓައިމްސް" ފަދަ އެތައް މީޑިއާއެއްގައި ވަނީ މި މަޝްރޫޢުގެ ވާހަކަ ވަރަށް ފުޅާދާއިރާއެއްގައި ރިޕޯޓްކޮށްފައެވެ. ބައެއް ނޫސްތަކުން މި މަޝްރޫޢުގެ އަގު 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އަނެއްބައި މީޑިއާތަކުން ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އިންވެސްޓްމަންޓްގެ އަގު އެކި ގޮތްގޮތައް ގެނެސްފައިވެއެވެ.
ޔޫއޭއީގެ ދުބާއީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު އަދި ހައުސިންގ މިނިސްޓްރީގެ އިސް ވެރިންނެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރްޖް ޚަލީފާ ތަރައްޤީކުރި އެމާރ ޕްރޮޕަޓީސްގެ ވެސް ބާނީ އަދި އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލާ އައްބާރުއެވެ.

ރައީސް ޑރ. މުޢިއްޒުގެ މައިގަނޑު ވަޢުދުފުޅެއް ކަމަށްވާ ގެދޮރުވެރިކަމާއި ތޮއްޖެހުމަށް ޙައްލު ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން ހިންގާ ރަސްމާލެ މަޝްރޫޢަކީ ފުށިދިއްގަރުފަޅުން 1،100 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ހިއްކައިގެން ގާތްގަނޑަކަށް 65،000 ހައުސިންގ ޔުނިޓް ތަރައްޤީކުރާ ބިޔަ މަޝްރޫޢެކެވެ.
މާލެއިން ފުރައިގެން ލޯންޗުގައި 17 މިނެޓުން ދެވޭ މި ސިޓީގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ވޯޓާފްރަންޓް މަޝްރޫޢުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިޒޯޓްތައް، މަތީ ފަންތީގެ ރެޒިޑެންސްތައް، ޒަމާނީ މެރީނާއެއް، ވޯޓާފްރަންޓް ހިނގާ މަގުތައް، ރެސްޓޯރެންޓްތައް، ވިޔަފާރި މަރުކަޒުތައް އަދި ވެލްނެސް ސެންޓަރުތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ޚާއްޞަ އިސްކަމުގެ ދަށުން ފެށި މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ ޖުމްލަ ބޭރުގެ އިންވެސްޓްމަންޓް ވަންނާނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި ސީދާ ރާއްޖެއަށް 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހިންނަށް 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ. އަދި މަޝްރޫޢު އެއްކޮށް ފުރިހަމަވުމުން، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އެ ސިޓީއަށް ޒިޔާރަތްކޮށް، އަހަރަކު 2 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ޤައުމަށް ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަލްބޭނިއާ، ޔޫއޭއީ އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ބިޔަ ވޯޓާފްރަންޓް މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ އީގަލް ހިލްސް ފަދަ ދުނިޔޭގެ ފެންވަރުގެ ކުންފުންޏެއް ރާއްޖެ ގެނައުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.