ޚަބަރު
ދިވެހިރާއްޖެ އާއި ސައުދީގެ ގުޅުން އަމާޒުހިފާފައި ވަނީ އުއްމީދީ މިސްރާބަކަށް: ރައީސުލްޖުމްހޫރިއްޔާ
ކުރުނބާ ރިޒޯޓުން ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުން / ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެ އާއި ސައޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އައު އަދި އުއްމީދީ މިސްރާބަކަށް ދަތުރުކުރަމުންދާ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އެއްބާރުލުމާއި އިންވެސްޓްމަންޓް އަދި ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމުގެ ފުރުޞަތުތައް އިތުރުވަމުންދާ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސައޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ "ނިވާ ކުރުނބާ މޯލްޑިވްސް" ގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފްލާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވީ ސައޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. މި އަހަރުގެ ސައޫދީ ޤައުމީ ދުވަސް ފާހަގަކޮށްފައިވަނީ "އަވަރ ޕްރައިޑް އިޒް އިން އަވަރ ނޭޗަރ" މި ޝިޢާރުގެ ދަށުންނެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދެ ޤައުމު ގުޅިފައިވަނީ އެއް އިސްލާމީ ޢަޤީދާއާއި، އަގުތަކާއި، އިޙްތިރާމާއި އަދި ވަރުގަދަ އަޚުވަންތަކަމުގެ މައްޗަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި، ޚާއްޞަކޮށް 2004 ގެ ސުނާމީ ކާރިސާއަށްފަހު، ސައޫދީން ދެއްވަމުން ގެންދަވާ ދީލަތި އަދި މެދުކެނޑުމެއްނެތް އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ޚާދިމުލް ޙަރަމައިނިއް ޝަރީފައިނި، ސައޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ޒަޢާމަތުގައި ސައޫދީ ޢަރަބިއްޔާއިން ހޯދަމުންދާ ބޮޑެތި ކުރިއެރުންތައް ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އިޤްތިޞާދު ސިންދަފާތުކުރުމާއި، އީޖާދީ ކަންކަމާއި، ޢުމްރާނީ ތަރައްޤީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އެ ޤައުމުން ހޯދާފައިވާ ކާމިޔާބީތަކަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީއާއި، ބޯހިޔާވަހިކަމާއި، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އަދި ލޮޖިސްޓިކްސްގެ ދާއިރާތަކުން ސައޫދީގެ އިންވެސްޓްމަންޓްތަކާއި ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށް ބޮޑެތި ފުރުޞަތުތަކެއް އެބައޮތްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލު ހަރުދަނާކޮށް، ރާއްޖޭގެ އިޤްތިޞާދީ ބަދަލުތަކުގައި ސައޫދީގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން މަގުފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ދެ ޤައުމުގެ ދިފާޢީ ގުޅުމުގެ ތެރެއިން "ޗާޓަރ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް" ރަސްމީކުރެވިގެން ދިޔުމަކީ ދެ ޤައުމުގެ ގުޅުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކްސްޕޯ 2030 ރިޔާޟުގައި ރާއްޖެއިން ބައިވެރިވުމަކީ ފަތުރުވެރިކަމާއި، އިންވެސްޓްމަންޓާއި، އީޖާދީ ކަންކަމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭނެ މުހިންމު ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ ފެންވަރުގައާއި ބައިނަލްއަޤްވާމީ މައިދާނުގައި ސައޫދީއާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެ އަބަދުވެސް އޮތީ ތައްޔާރަށް ކަމަށެވެ. އަދި ޞުލްޙަމަސަލަސްކަމާއި، ހަމަޖެހުމާއި ފާގަތިކަން ޤާއިމުކުރުމަށާއި، މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
މި ޙަފްލާގައި ސައޫދީ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް ވެދުމަށް އަރުވާފައެވެ. އަދި ދެ ޤައުމުގެ ޒަމާންވީ އެކުވެރިކަމާއި ބައިވެރިވުން ދައްކުވައިދޭ ވީޑިއޯއާއި، ސައޫދީ ޢަރަބިއްޔާގެ ތަރައްޤީއާއި މުސްތަޤްބަލުގެ ތަޞައްވުރު ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް މި ޙަފްލާގައި ވަނީ ދައްކާލާފައެވެ.