ޚަބަރު
އީގަލް ހިލްސްއާއެކު ގެންދަން ނިންމާފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި ޤާނޫނުން ބޭރު އެއްވެސް ކަމެއް ނޯންނާނެ: ރައީސް
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ރަސްމާލޭގައި އީގަލް ހިލްސް ކުންފުންޏާއެކު ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި ޤާނޫނުން ބޭރު އެއްވެސް ކަމެއް ނޯންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި ތަޞައްވަރު އޮޅޭގޮތަށް ރަސްމާލެއާ ގުޅޭގޮތުން ވާހަކަދައްކަނީ ރައްޔިތުންނަށް ފައިދާވާ މިފަދަ ބޮޑެތި މަޝްރޫޢުތައް ރާއްޖެއަށް ގެނައުމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވަރަށް އީގަލް ހިލްސް މަޝްރޫޢުއާއެކު އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، މިއީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމައަށް ހާސިލުވާނެ މަޝްރޫޢެއް ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރިއަށްގެންދާއިރު އެއަށް ފާޑުކިޔަނީ ޤައުމު އިސްކުރުމުގެ ވިސްނުން ނެތުމުން ކަމަށާއި، ބައެއް ސިޔާސީ ފަރާތްތަކުން ވިސްނުން ގެންގުޅެނީ ތިމާއަކީ ފުރަތަމަ ދިވެހި ރައްޔިތެއްކަން ހަނދާންނެތޭ ހިސާބަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމަށް ފައިދާވާ ކަމެއް ކޮންމެ ސަރުކާރަކުން ކުރިއަސް އިސްކުރާނީ ޤައުމޭ. ރާއްޖެއަށް ފައިދާވާނަމަ، ކޮންމެ ސަރުކާރަކުން ކުރިއަސް އެއަށް ތާޢީދު ކުރާނަމޭ. ޤަބޫލުކުރާނަމޭ. އެފަދަ ވިސްނުމެއް ނެތްނަމަ ޤައުމަށް ވަނީ ގެއްލުން. ފައިދާވާން ހުރި ކަންކަމަށްވެސް އެޅެނީ ހުރަސް،
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ރަސްމާލެއިން ބިން މިލްކުކޮށްދޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބިން އެއްވެސް ފަރާތަކަށް މިލްކުވާ ގޮތަށް އެއްވެސް މަޝްރޫޢެއް ނުވަތަ އިންވެސްޓްމަންޓެއް ކުރިއަށް ނުގެންދަވާނެ ކަމަށެވެ.
ބިން ވިއްކައިފިއޭ، މިލްކުކޮށްދީފިއޭ ކިޔަނީ. މިއީ ރާއްޖޭގެ ޤާނޫނު އަސާސީން މަނާކަމެއް. ޤާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ނޯންނާނެ. އެއްވެސް މަޝްރޫޢެއް ނުވަތަ އިންވެސްޓްމަންޓެއްވެސް ނުގެންދާނަން. އަޅުގަނޑަށް މުހިންމީ ޤައުމާއި ރައްޔިތުން. ބިން މިލްކުވާކަށް ފުރުޞަތެއް ނުދޭނަން. އެގޮތަށް ރާވާފައިވެސްވަނީ،
ރައީސް ޑރ މުޙައްމަދު މުޢިއްޒު
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އީގަލް ހިލްސްއާއެކު އެއްބަސްވުންތައް ޤާއިމުކޮށްފައިވަނީ މިހާރުވެސް ޢަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، އެ ޤަވައިދުތަކުން ބޭރުން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ދީފައި ނުވާނެ ކަމަށެވެ. އަދި މި މަޝްރޫޢަށް ސަރުކާރުން ސޮވްރިން ގެރެންޓީއެއް ދީފައި ނުވާނެ ކަމަށާއި، ލޯނެއް ނެގުމާއި، ޓެކްސް ކޮންސެޝަން އަދި ޑިއުޓީ އެގްޒެމްޕްޝަން ފަދަ އެއްވެސް އިމްތިޔާޒެއް ދީފައި ނުވާނެ ކަމަށާއި، ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް (ލީސް) ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އީގަލް ހިލްސް ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓަކީ 20 ބިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫޢެކެވެ. މިއީ ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ މަތިވެ، އިޤްތިޞާދީ، އުމްރާނީ އަދި އިޖުތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ކިތަންމެ ހުރަސްތަކެއް އަޅަން މަސައްކަތް ކުރިނަމަވެސް މި ބޮޑު މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.