ޚަބަރު
އެކްސިޑެންޓުގައި ނިޔާވި މާހިދާގެ އާއިލާއަށް ރައީސް ތަޢުޒުޔާ ފޮނުއްވައިފި
އެކްސިޑެންޓްގައި ނިޔާވި މާހިދާ. ފޮޓޯ: އިމިގްރޭޝަންސް
ފާއިތުވި އާދީއްތަ ދުވަހު ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަަށް ފަރުވާދެމުންދަނިކޮށް ނިޔާވި އާއިޝަތު މާހިދާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މާހިދާ ނިޔާވުމާ ގުޅިގެން މީސްމީޑިއާ މަންސަތަކުގައި ޝާއިއުކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ނިޔާވި މޯލްޑިވްސް އިމިގްރޭޝަނުގެ މުވައްޒަފު އާއިޝަތު މާހިދާގެ އާއިލާއަށާއި، އެ އިދާރާގެ މުވައްޒަފުންނަށް ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި މާހިދާއަށް މާތްﷲގެ ތަނަވަސް ރަހުމަތް މިންވަރުކުރެއްވުމަށާއި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުއާކުރެއްވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
— Dr Mohamed Muizzu (@MMuizzu) September 25, 2026
ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވީ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފު ޢާއިޝަތު މާހިދާގެ ޢާއިލާއަށާއި، އެ އިދާރާގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން.
މާތްﷲގެ… pic.twitter.com/rqGlfVIeRu
މާހިދާއަކީ މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރުގެ މަގާމުގައި ހުރި މުވައްޒަފެކެވެ. މާހިދާ ނިޔާވުމާ ގުޅިގެން އިމިގްރޭޝަނުން ވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، މި ހިތާމަވެރި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވުން އެދި ދުއާކޮށްފައެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މާހިދާ އެ އިދާރާގެ ވަޒީފާއާ ގުޅުނީ މީގެ ނުވަ މަހެއްހާ ދުވަސްކުރިން، މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި މި މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާހިދާ އަދާކުރި އިޚްލާސްތެރި ދައުރު އެ އިދާރާއިން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.