ޚަބަރު
ރާއްޖޭގެ ތާރީޚުގައި ވެސް ނުގެންދެވޭހާ މައްޗަށް ރިޒާވުގެންދެވުނު: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅުދައްކަވަނީ
ރާއްޖޭގެ ތާރީޚުގައި ވެސް ނުގެންދެވޭހާ މައްޗަށް މިއަހަރު ފެށުނުއިރު ވާނީ ރާއްޖޭގެ ރިޒާވުގެންގޮސްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ ޕީ.އެސް.އެމް ނިއުސްއިން ސިލްސިލާ ގޮތެއްގައި ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމަހޫރިއްޔާ ވަނީ، އެމަނިކުފާނު ސަރުކާރާއި ހަވާލުވިއިރު ގައުމުގެ އިގްތިސާދީ ހާލަތު ވަނީ ވަރަށް ދަށްވެފައިކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، މަސައްކަތް ކުރައްވާފައި ވާނީ، ރައްޔިތުންނަށް އެއްވެސް ކަހަލަ ދައްޗެއް ނުވާނެ ގޮތަށް މަސައްކަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ބޭހާއި، ކާޑާއި، ބޭރުގައި ކިޔަވާ ކުދިންގެ ކަންތައްތަކާއި، ތެލުގެ ކަންތައްތައް ފަދަ މުހިންމު ކަންކަމުގައި ރައްޔިތުންނަށް އެއްވެސް ދައްތި ކަމެއް ކުރިމަތި ނުވާނެ ފަދަ ގޮތަކަށް މަސައްކަތް ކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންކަމުން އަޅުގަނޑުމެންގެ ރިޒާވު ވެސް ގެންދެވުނު ވަރަށް މައްޗަށް، ރާއްޖޭގެ ތާރީޚުގައި ވެސް ނުގެންދެވޭހާ މައްޗަށް ގެންދެވުނު މި އަހަރު ފެށުނު އިރު. ފެބްރުވަރީ މަސް އައި އިރު، ރާއްޖޭގެ ރިޒާވު ހުރީ 1.2 ބިލިއަން ޑޮލަރުގަ. އެއީ ވަރަށް ބޮޑު ކާމިޔާބީއެއް."
ރައީސް ވިދާޅުވިއެވެ.
އޭގެ ފަހުން، މެދުއިރުމާތީގެ ހަނގުރާމައާ ގުޅިގެން އަގުތަކަށް އައި ބަދަލު، ހާއްސަ ގޮތެއްގައި ތެލުގެ އަގަށް އައި ބަދަލު ރައީސް ފާހަގަކުރެއްވިއެވެ. އެ ބަދަލުގެ ސަބަބުން، ދުނިޔޭގެ ހުރިހާ ގައުމަކަށް ވަނީ އަސަރުކޮށްފައި ކަމަށާއި، މިކަމުގެ ސަބަބުން، ދަރަނި އަދާކުރުމަށް ކުރަންޖެހުނު މަސައްކަތަކީ ވެސް ރިޒާވްއަށް އެކަމުން އަސަރުކުރި ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސުކޫކުގެ ގޮތުގައި، 520 މިލިއަނެއްހައި ޑޮލަރު އެއްފަހަރާ ދައްކަންޖެހުމުން، ރިޒާވްއަށް އެކަމުގެ އަސަރުކުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މަސައްކަތްކުރައް ވަނީ، ރައްޔިތުންގެ ބޮލުގައި އެޅިފައި ހުރި ދަރަނިތައް ދެއްކުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.