Ads by Farudhun

ޚަބަރު

ޓީޗަރުންނަށް އެއްބާރުލުން ދިނުމަކީ ޤައުމުގެ ބިންގާ ވަރުގަދަ ކުރުން: ރައީސް ޑރ. މުޢިއްޒު

ޓީޗަރުންނަށް އެއްބާރުލުން ދިނުމަކީ ޤައުމުގެ ބިންގާ ވަރުގަދަ ކުރުން: ރައީސް ޑރ. މުޢިއްޒު

ޓީޗަރުންގެ ތަމްރީނު ކުރުމުގެ ޤައުމީ މަސައްކަތް ފައްޓަވައިދެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޮކްޓޯބަރު 2026، 09:14

05 އޮކްޓޯބަރު 2026، 09:14

ޓީޗަރުންނަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ، ދަރިވަރުންނާއި މުޅި ޤައުމު ބިނާވެގެންދާނެ އަސާސީ ބިންގާ ވަރުގަދަ ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔެއަކަށް ޒުވާނުން އަހުލުވެރިކުރުވުމުގައި ކޮންމެ ތަނެއްގައިވެސް ޓީޗަރުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ. އެގޮތުން ޓީޗަރުންގެ އިލްމާއި، ކެރުމާއި، އަދި ޅަދަރިންގެ ސިކުނޑިތަކަށް އެ ފަރާތްތަކުން ކުރާ ދެމިގެންވާ އަސަރުގެ އަގު ވަޒަންކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓީޗަރުން އެމީހުންގެ މުހިންމު ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަށާއި، މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި، ވަޒީފާ އަދާކުރާ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން ޝާމިލުކޮށްގެން ކިޔަވައިދިނުން ހަރުދަނާކުރުމަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޓީޗަރުންގެ ޤާބިލުކަން އިތުރުކުރުމަކީވެސް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

 "އަޅުގަނޑުމެން ޓީޗަރުންނަށް އެހީތެރިކަން ދޭއިރު، އަޅުގަނޑުމެންގެ ދަރިންނާއި ޤައުމު ބިނާވެގެންދާނެ ބިންގާ އެ ވަރުގަދަކުރެވެނީ" ރައީސް ޑރ މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

 އުނގަންނައިދިނުމުގެ ދާއިރާއަށް އަގުދީ، އެ ދާއިރާއަށް އިންވެސްޓްކޮށް، ކޮންމެ ކުއްޖެއްގެ ކިބައިގައިވާ ފުރިހަމަ ޤާބިލުކަން ނެރެދިނުމަށްޓަކައި ކޮންމެ ޓީޗަރަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ ތަޢުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމިތިބުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450