ޚަބަރު
ވިލިމާލެ ތަރައްޤީއިން ބާކީ ނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ރައްޔިތުންގެ އަޑު ސިލްސިލާގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ޤައުމަށް ތަރައްޤީ ގެނެސްދިނުމުގައި ވިލިމާލެ އެކަހެރި ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، އެމަނިކުފާނާ ބައްދަލުކުރަން އެދޭ އާންމު ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ފަހިކޮށްދެއްވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ބައިވެރިވި ވިލިމާލޭގެ ރައްޔިތަކު ވަނީ އެ އަވަށުގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި ރައްޔިތު މީހާ ފާހަގަކުރި ގޮތުގައި، ވޭތުވެދިޔަ ސަރުކާރުތަކުން ވިލިމާލެއާމެދު ގެންގުޅެފައިވަނީ ވަރަށް ބޮޑަށް ތަފާތުކުރުމުގެ ސިޔާސަތެކެވެ. އަދި އެ އަވަށާމެދު މީގެ ކުރިން އަމަލުކޮށްފައިވަނީ "ދޮންދަރި"އަކާމެދު އަމަލުކުރާ އުސޫލުން ކަމަށްވިޔަސް، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އަމަލުކުރައްވަމުން ގެންދަވާ ގޮތުން އެ ތަފާތުކުރުންތަކަށް ނިމުން އައިސްފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް އޭނާ ބުންޏެވެ.
އެ ރައްޔިތު މީހާގެ ވާހަކަތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ތަރައްޤީގެ އެއްވެސް ކަމެއްގައި ވިލިމާލެ ބާކީ ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ވިލިމާލޭގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށާއި، މަގުތަކުގެ ޙާލަތު ރަނގަޅުކުރުމުގެ އިތުރުން ދަތުރުފަތުރުގެ ފަސޭހަކަން ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވައެވެ. އެގޮތުން ވިލިމާލޭގައި މިހާރު ވަނީ ޓެކްސީ ލައިނެއްގެ ޚިދުމަތް ތަޢާރަފުކޮށްފައެވެ. އަދި އެ އަވަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.
މީގެއިތުރުން، ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ޚާއްޞަ ހައުސިންގ މަޝްރޫޢެއް ފަށާފައިވާއިރު، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.