ޚަބަރު
ވަޠަނީ ޚިދުމަތަކީ ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އެޅޭ ވަރުގަދަ ބިންގަލެއް: ރައީސް
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް. ފޮޓޯ: ރައީސް
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" ގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕްރޮގްރާމުގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް މިއަދު ރަސްމީކޮށް އިފުތިތާޙު ކޮށްފައިވަނީ ޖުމްލަ 352 ޒުވާނުންނާއެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 288 ފިރިހެން އަދި 64 އަންހެން ޒުވާނުންނެވެ. މި ބެޗުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލުވާ ގޮތަށް، 125 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތަމްރީނުގެ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ބައިވެރިންނަށް ނަޞޭޙަތްތެރިވެ ހިތްވަރު ދެއްވާފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ 4 ވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙު ކުރެވިއްޖެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން މި ތަމްރީނުގައި ބައިވެރިވޭ. ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދެން. އަދި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރުމަށް ނަޞޭޙަތްތެރިވެ ހިތްވަރު ދެން. ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު މިކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް.
— Dr Mohamed Muizzu (@MMuizzu) October 24, 2026
ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތަކީ، މާތް ﷲ ގެ ވާގިފުޅާއެކު ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އެޅޭ ވަރުގަދަ ބިންގަލަކަށް ވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
"ދިވެހި ވަތަނީ ޚިދުމަތް" ރަސްމީކޮށް ފެށިގެން ދިޔައީ 1 އޮކްޓޫބަރު 2025 ގައެވެ. މި ޚިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.