ޚަބަރު
ނަޞްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ރައީސްގެ ދެކަނަބަލުން ޝަރަފުވެރިކޮށްދެއްވައިފި
އަސްކަރީ ޚާއްޞަ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުން / ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އަސްކަރީ ޚާއްޞަ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ހަރަކާތްތައް ބާއްވާފައިވަނީ މާލޭގެ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ސިފައިން ވަނީ ޤައުމީ ދިފާޢީ ބާރުގެ އެކިއެކި ބަހާތަކުން ކުރާ މަސައްކަތްތަކާއި، ސިފައިންގެ ޤާބިލުކަން ދައްކުވައިދޭ ތަފާތު ހުށަހެޅުންތަކުގެ އިތުރުން ނަޞްރުގެ ދުވަހާ ގުޅުންހުރި އަސަރުގަދަ އަދި ހިތްވަރުގަދަ މަންޒަރުތައް ހިމެނޭ ހުށަހެޅުންތަކެއް ހުށަހަޅައިދީފައެވެ.
މި އިވެންޓުގައި ދައުލަތުގެ އިސްވެރިންނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ނަޞްރުގެ ދުވަހާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން ހުށަހަޅައިދޭ އަސްކަރީ ހަރަކާތްތަކަކީ އަބަދުވެސް ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބަކާއި ޝައުޤުވެރިކަމެއް ލިބިގެންދާ ހަރަކާތްތަކެކެވެ. ޚާއްޞަކޮށް ކުޑަކުދިންގެ މެދުގައި މި ހަރަކާތްތަކަށް އޮންނަ މަޤްބޫލުކަން ވަރަށް ބޮޑެވެ. މި އަހަރުވެސް މި އަސްކަރީ ހުށަހެޅުންތައް ބަލާލުމަށްޓަކައި ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުންނާއި، ޢާއިލާތަކުގެ އިތުރުން ގިނަ ޢަދަދެއްގެ ކުޑަކުދިން ވަނީ ޖުމްހޫރީ މައިދާން ސަރަޙައްދަށް ޖަމާވެފައެވެ.