Ads by Farudhun

ޚަބަރު

މަރުގެ އަދަބު ތަންފީޒުކުރާނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް، ހުރިހާ ހައްގެއް ކަށަވަރުކުރުމަށްފަހު: ރައީސް

މަރުގެ އަދަބު ތަންފީޒުކުރާނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް، ހުރިހާ ހައްގެއް ކަށަވަރުކުރުމަށްފަހު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

09 ނޮވެމްބަރު 2026، 12:26

09 ނޮވެމްބަރު 2026، 12:26

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ސަރުކާރުން އެކުލަވައިލި ބިލަކީ ހުރިހާ ފަރާތްތަކެއްގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށްދީ، އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މަރުގެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް، މީގެ ކުރިން އައި އެއްވެސް ވެރިކަމެއްގައި އެކަން އަމަލީ ގޮތުން ތަންފީޒުކޮށްފައެއް ނުވެއެވެ. އަދި ޝަރުއީ ކޯޓުތަކުގެ ތިން މަރުހަލާ ނިމި، މަރުގެ އަދަބު ކަނޑައެޅިފައި ތިބި މީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ނަމަވެސް، ވޭތުވެދިޔަ ސަރުކާރުތަކުން އެ އަދަބު ދިނުމަށް ފަސްޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވެފައި، ގާނޫނުއަސާސީން ލާޒިމުކުރަނީ އިސްލާމްދީނުގެ ހުކުމްތަކާއި އުސޫލުތަކާ އެއްގޮތަށް ގާނޫނުތައް ތަންފީޒުކުރުން ކަމަށެވެ. އެހެންކަމުން، ޝަރުއީ ގޮތުން ނިމިފައިވާ މިފަދަ ހުކުމެއް ހުއްޓުވުމުގެ އިހުތިޔާރު އިސްލާމީ ދައުލަތެއްގެ އެއްވެސް ވެރިއަކަށް ލިބިގެން ނުވާނެ ކަމަށާއި، މި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުގައިވާ ގޮތުގެ މަތިން ގިސާސް ހިފުން ކަމުގައި ރައީސް ސާފުކޮށްދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލުގެ މައިގަނޑު ދެ ބަޔަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ބިލުގައި ހިމެނެނީ މީހުން މެރުމުގެ ކުށުގައި ގިސާސް ހިފުމުގެ އުސޫލުތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރެވޭނެ ހާލަތްތައް ކަމަށެވެ.

މީގެ އިތުރުން، ކީރިތި ޤުރުއާނުގެ އާޔަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގިސާސް ހިފުމަކީ މުޖުތަމައުގައި އަމާންކަން ގާއިމުވެ، ފުރާނަތައް ރައްކާތެރިވެގެންދާނެ ކަމެއް ކަމަށެވެ. މިފަދަ ހަރުކަށި އަދަބުތައް ތަންފީޒުކުރުމަކީ ކުށްވެރިން މީހުން މެރުމާއި އަނިޔާވެރި އަމަލުތަކަށް އަރައިގަތުމަށް ޖެހިލުންވާނެ ސަބަބެއް ކަމަށާއި، އޭގެ ސަބަބުން މުޅި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގާނޫނުއަސާސީ ވަރަށް ސާފުކޮށް ބަޔާންކުރޭ ގާނޫނުއަސާސީގެ ހަމަަތައް އޮތީ ކިހިނެއްކަން. ކީރިތި ގުރުއާނާއި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީސްފުޅުތަކާ އެއްގޮތަށް، އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށްކަން ގާނޫނުތައް ހަދަންވާނީ.  އެހެންވީމާ މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ހާލަތުގައި ތިބޭ ފަރާތްތަކާމެދު، ހާކިމާއަށް އިސްލާމީ ދައުލަތެއްގެ ރައީސުއް ދައުލާއަށް އޮންނަ ހައްގެއް ނޫން އެހިސާބަށް ގޮސްފައި އޮތްކަމެއް ހިފަހެއްޓުމަކީ. މި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުގައި އޮތް ގޮތަށް ގިސާސް ތަންފީޒުކުރުން،"

ރައީސް ވިދާޅުވިއެވެ. 

މި ނިންމުމާ ދެކޮޅަށް ފާޑުކިޔުންތަކެއް އަމާޒުވެދާނެކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަލަށް ހުށަހެޅި ބިލުގައި ކުށްވެރިޔާގެ ހައްގުތަކާއި މަރުވި މީހާގެ ވާރުތަވެރިންގެ ހައްގުތައް ވަރަށް ފުރިހަމައަށް ރައްކާތެރިކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން، ޝަރުއީ ތިން މަރުހަލާ ފުރިހަމަވުމަށްފަހު ވެސް، ހުކުމް ތަންފީޒުކުރުމުގެ އެންމެ ފަހު ވަގުތާ ހަމައަށް ގާތިލަށް މައާފުކުރުމުގެ ފުރުސަތު ވާރުތަވެރިންނަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ އިސްލާމީ ޝަރީއަތާއި ގާނޫނުގެ ތަރަހައިގެ ތެރެއިން އަދުލުއިންސާފު ގާއިމުކޮށް، ދިވެހި ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450