ޚަބަރު
ކަނޑުގެ ސަރަހައްދާއި ދީނީ އެއްބައިވަންތަކަމާ ބެހޭ މުހިންމު ބިލުތަކެއް މަޖިލީހަށް ފޮނުވަނީ
އިސްލާމިކް މިނިސްޓްރީ - ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހިމެނޭހެން މުހިންމު ބިލުތަކެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ރައީސް ވިދާޅުވި ގޮތުގައި، މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވާ ސިޔާސަތުތަކާ ގުޅޭ ގިނަ ބިލުތަކެއް މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ފޮނުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެގޮތުން، ރާއްޖޭގައި ހެދޭ ގާނޫނުތައް ބައްޓަންވަނީ އިސްލާމީ ޝަރީއަތާއި އެއްގޮތަށްތޯ ކަށަވަރުކުރުމަށްޓަކައި "ޗެކް އެންޑް ބެލެންސް" ނިޒާމެއް ގާއިމުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން އަމަލީ ގޮތުން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތުން ކޮންމެހެން މުހިންމު ކަމަށެވެ. ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުގެ މައިގަނޑު ބޭނުމަކީ ވެސް އެފަދަ ނިޒާމެއް ގާއިމުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
"ގައުމީ ދުވަހު އަޅުގަނޑު އިއުލާނު ކުރިން، ރާއްޖޭގައި ގާނޫނުތައް ހެދިގެން ދަނީ އިސްލާމްދީނުގަ އޮންނަ ހަމަތަކަށްތޯ އިސްލާމީ ޝަރީއަތާ އެއްގޮތަށްތޯ ބެލޭނެ ނިޒާމެއް އޮންނަން ޖެހޭ. އަޅުގަނޑުމެން އެންމެންނަކީ ވެސް މުސްލިމުން، ގާނޫނު އަސާސީގެ ލިޔުމުގައި އެބަ އޮވޭ ނުހެދޭނެއޭ. އެހެން ނަމަވެސް ޗެކް އެންޑް ބެލެންސް ނިޒާމެއް އޮންނަން ޖެހޭ. އެހެންމަ ނިޒާމު ގެންނަން ވެގެން ގާނޫނަށް އިސްލާހު ގެނައުމަށް މި ބިލު ފޮނުވަނީ"
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ބިލުތަކުގެ ތެރޭގައި، މުޖުތަމައުގެ ރައްކާތެރިކަމަށް މުހިންމު އެންޓި-ބުލީން ނުވަތަ ގަނާކުރުން ހުއްޓުވުމުގެ ބިލާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ. އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ކޯޓުތަކުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކުގެ ބިލުތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހަށް ފޮނުވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކުރުމާ އެކު، ބަޖެޓުގައި ހިމެނޭ ތަރައްގީގެ ކަންކަމާއި މުހިންމު މަޝްރޫއުތައް ތަންފީޒު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ވެސް މިހާރު އަމަލުކުރަމުންދާ ބައެއް ގާނޫނުތަކަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.