ޚަބަރު
ބިލުތަކަކީ އަވަސް އަރުވާލައިގެން ހުށަހެޅި ބިލުތަކެއް ނޫން: ރައީސް
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ހަތަރު ބިލަކީ މުހިންމު ފަންނީ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ބިލުތަކެއް ކަމަށާއި، އެއީ އަވަސް އަރުވާލައިގެން ހުށަހެޅި ބިލުތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޖިލީހަށް ހުށަހެޅި ބިލުތަކަކީ ނިޒާމީ ގޮތުން ގެންނަންޖެހޭ މުހިންމު ބަދަލުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ބިލުތަކެއް ކަމަށެވެ. އަދި ފަންނީ ދިރާސާތަކުގެ އަލީގައި ތައްޔާރުކުރެވުނު އެ ބިލުތަކުގެ ސަބަބުން ނުކުންނާނެ ނަތީޖާ ރަނގަޅުވާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މަޖިލީހަށް މިއަދު ހުށަހެޅި ބިލުތަކުގެ ތެރޭގައި ހިމެނެނީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް ހުށަހެޅި އިމިގްރޭޝަންގެ ބިލާއި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެއީ ރާއްޖެއަށް ނުހަނު މުހިންމު ބިލެއް ކަމަށެވެ. އެގޮތުން އެ ބިލުގެ މަސައްކަތް ފުރިހަމަވެ، ޝަރުޢީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވުމުން މަރުގެ އަދަބު ތަންފީޒުކުރުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ދެފުށް ފެންނަ، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން އެ ވިޔަފާރިއަށް މަގުފަހިކުރުމަށް ހުށަހެޅި ބިލެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ބިލު އެކުލަވާލާފައިވަނީ ދީނާ ޚިލާފު އެއްވެސް ކަމެއް ނުކުރެވޭނެ ގޮތަށް، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތަކަށް ބަލައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައަޅައި ހުށަހެޅި އެ ބިލަކީ ރާއްޖެ ފަދަ އިސްލާމީ މުޖުތަމަޢެއްގައި އަބުރު ރައްކާތެރިކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި ބިލެއް ކަމަށެވެ.