Ads by Ministry of Arts, Culture and Heritage

ޚަބަރު

ޑްރަގް ޓްރެފިކިންއަށް މަރުގެ އަދަބު ދެވޭގޮތް ހަދައި، ފަރުވާގެ ނިޒާމުވެސް ދަނީ ރަނގަޅުކުރަމުން: ރައީސް

ޑްރަގް ޓްރެފިކިންއަށް މަރުގެ އަދަބު ދެވޭގޮތް ހަދައި، ފަރުވާގެ ނިޒާމުވެސް ދަނީ ރަނގަޅުކުރަމުން: ރައީސް

ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 ނޮވެމްބަރު 2026، 08:09

18 ނޮވެމްބަރު 2026، 08:09

މި ސަރުކާރުން ގާނޫނުތަކަށް ގެނައި އިސްލާހުތަކާއިއެކު، ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ޑްރަގް ޓްރެފިކް ކޮށްފިނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ބަދަލުކޮށް، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފަރުވާގެ ނިޒާމު ވެސް ހަރުދަނާކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދާޚިލީ މައްސަލަތަކަށް ބަލާއިރު ގޭންގު ކުށްތައް ވެސް ވަރަށް ބޮޑުތަނުން މިހާރު ކުޑަކުރެވިފައިވާ ކަމަށެވެ.

"އެ ދާޚިލީ މައްސަލަތަކަށް ބަލާއިރު، ގޭންގު ކުށްތައް ވެސް އިރާދަކުރެއްވިއްޔާ ވަރަށް ބޮޑުތަނުން ކުޑަކުރެވިއްޖެ. ގާނޫނަށް ގެނައި ބަދަލާއި، ތަންފީޒުކުރުން ހަރުދަނާކުރުމާ އެކީގައި އިރާދަކުރެއްވިއްޔާ އަލްޙަމްދުﷲ، މިއީ މިހާރު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިސްލާހުވެފަ އޮތް މައްސަލައެއް،" 

ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގާނޫނަށް ގެނައި އިސްލާހުތައް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"ޑްރަގުގެ މައްސަލަ ހައްލުކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް މި ދަނީ ކުރެވެމުން. ޑްރަގުގެ މައްސަލައަށްވެސް އެންމެ ބޮޑު އެއް ހައްލަކީ ގާނޫނަށް ގެނައި އިސްލާހުތައް. އެއް ކަމަކަށް ޑްރަގް ޓްރެފިކިން ގާނޫނުގައި ކަނޑައަޅާފައި އޮތް މިންގަނޑުތަކަށް ދިމާވާ ގޮތަށް ޑްރަގް ޓްރެފިކިން ކުށްކޮށްފިއްޔާ މަރުގެ އަދަބު ދެވޭ ގޮތަށް އެ ވަނީ ބަދަލުކޮށްފަ. އަދި އެހެން ނޫނަސް ތަންފީޒީ އެކެއް އެތައް ކަމެއް މި ދަނީ އެ ދާއިރާއިންވެސް ކުރަމުން."

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޑްރަގް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިން ބޮލަށް ވެއްޓޭ ހިސާބުގައި ހުރި ޑްރަގް ކޯޓު މިހާރު ހުޅުމާލޭގައި ތަނަވަސް ޖާގައަކަށް ބަދަލުކޮށްދީފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓަކައި އަދިވެސް އިތުރު ގިނަ ކަންތައްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފަރުވާ ދިނުމުގެ ނިޒާމު ހިމެނޭހެން އެ ދާއިރާއިން ރަނގަޅުކުރަންޖެހޭ ހުރިހާ ކަމެއް އިސްލާހުކުރުމުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450