ޚަބަރު
ފަތުރުވެރިކަމަށް އެރި ލޮޅުމުން އަރައިގަނެވިއްޖެ، އަމާޒަކީ އަންނަ އަހަރު 2.5 މިލިއަން ފަތުރުވެރިން ގެނައުން: ރައީސް
ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ--
ފެބްރުވަރީ މަހު ފެށުނު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެރި ބޮޑު ލޮޅުމުން އަރައިގަނެވި މިހާރު ހާލަތު ކުރީގައި ހުރި މިންވަރަށް ގެންދެވިފައިވާ ކަމަށާއި، އަންނަ އަހަރުގެ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި އަހަރު ފެށުނުއިރު ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދިޔަ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފެބްރުއަރީ މަހަކީ ފަތުރުވެރިކަން ރެކޯޑް އަދަދަކަށް އިތުރުވި މަހެއް ކަމަށެވެ.
"2025 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ބަލާއިރުގައި މި އަހަރު ފެބްރުއަރީ މަހު 15.4 އިންސައްތަ ކުރިއެރުމެއް ލިބުނު ޓުއަރިސްޓް އެރައިވަލުން. އެހެންނަމަވެސް މަސް ނިމުނީ ހަނގުރާމައަކުން. ދެން ވީ ގޮތަކީ ވަރަށް ބޮޑުތަނުން ވެއްޓިގެން ދިޔައީ. ވަރަށް ބޮޑު ލޮޅުމެއް އޭގެ ސަބަބުން އަޅުގަނޑުމެން އިޤްތިޞާދަށް އައީ،"
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭގެ ފަހުން އެކި މަސްމަހުގައި ފަތުރުވެރިން އައި މިންވަރު 20 އިންސައްތައިން އަދި 25 އިންސައްތައިން ވެސް ދަށްވެގެން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެ، ކުރީގައި ހުރި މިންވަރަށް ގެންދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ބާކީ އޮތް މުއްދަތަށާއި ކުރިއަށް އޮތް އަހަރަށް ހުރި އަމާޒުތަކާއި ގުޅޭގޮތުން ވެސް ރައީސް ވަނީ ޖަލްސާގައި ވާހަކަފުޅުދައްކަވާފައެވެ.
"އެކަމަކު އަޅުގަނޑުމެން އުއްމީދުކުރަނީ އަޅުގަނޑުމެން ކުރިން އަހަރު ފެށިއިރުގައި އުއްމީދުކުރި ވަރަށް އެރައިވަލްސް ނަޔަސް، މިދިޔަ އަހަރު ނިމުނު އިރުގައި އައި ވަރަށް އަޅުގަނޑުމެންނަށް އަދިވެސް އެރައިވަލްސް ހާސިލުކުރެވޭނޭ، އަދި އެއާއެކީގައި މި އަންނަ އަހަރު، ވިޒިޓް މޯލްޑިވްސް އަހަރު ކަނޑައަޅާފައި އޮތް އަހަރު، އަޅުގަނޑުމެންނަށް 2.5 މިލިއަން ޓޫރިސްޓުން ގެނެވޭނެކަމަށް،"
ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، އަންނަ އަހަރު 2.5 މިލިއަން ފަތުރުވެރިން ގެނެވިއްޖެނަމަ، އެއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމަކަށް ވާނެ ކަމަށާއި އޭގެ ސަބަބުން އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.