ޚަބަރު
އަންނަ އަހަރު ހިލޭ، މާލީ އެހީ ދޫކުރުމުގެ 2 ޕްރޮގްރާމެއް ފަށާނެ: ރައީސް
ފޮޓޯ: ރައީސް
އަމިއްލައަށް ގެދޮރު ބިނާކުރަން ބޭނުންވާ މީހުންނަށް އެކަމަށް މަގުފަހިކުރުމުގެ ގޮތުން އަންނަ އަހަރު ހިލޭ، މާލީ އެހީ ދޫކުރުމުގެ 2 ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހާއްސަ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން ދޫކުރަނީ ހަމައެކަނި ފްލެޓާއި ގޯތި ނޫން ކަމަށާއި, އަމިއްލައަށް ގެދޮރު ބިނާކުރަން ބޭނުންވާ މީހުންނަށް މަގުފަހިކުރުމަށް، އަންނަ އަހަރު ހިލޭ، މާލީ އެހީ ދޫކުރުމުގެ 2 ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ. މީގައި ހިމެނެނީ އަމިއްލައަށް ގެދޮރު އިމާރާތްކުރުމާއި އަދި ފްލެޓް ގަންނަ ފަރާތްތަކަށް ހިންގާ ސްކީމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ހެލްޕް ޓު ބައި އަދި ހެލްޕް ޓު ބިލްޑް މި 2 ސްކީމް މި ތަޢާރަފުކުރަނީ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އަނބުރާ ދައްކަން ނުޖެހޭގޮތަށް ބޯހިޔާވަހިކަމުގެ ދާއިރާއިން ދޫކުރާ ފުރަތަމަ ފައިނޭންސް ފެސިލިޓީ." ރައީސް ވިދާޅުވިއެވެ.
މި ދެ ޕްރޮގްރާމަށް ހޮވޭ މީހުންނަށް ލިމިޓްގެތެރެއިން ބޭންކް އިކުއިޓީ ދައްކައިދޭނީ ސަރުކާރުން ކަމަށާއި މިއީ އަނބުރާ ދައްކަން ނުޖެހޭގޮތަށް ދޭ އެހީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބޮލަކަށް 2 ލައްކަ ދޫކުރާ ކަމަށާއި 5 މީހުން ޖޮއިންވާނަމަ 1 މިލިއަން ލިބޭނެ ކަމަށާއި މިކަމަށް 750 މިލިއަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށާއި މި ފަންޑުގައި މިވަގުތު 250 މިލިއަން ހުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި ދެ ޕްރޮގްރާމަކީ ހަމައެކަނީ އަންނަ އަހަރަށް ގެންދާ ޕްރޮގްރާމެއް ނޫންކަމަށާއި، މިއީ އަންނަ އޮތް އަހަރުތަކަށްވެސް ގެންދާނެ މަސައްކަތަކަށްވާނެކަމަށެވެ.
މި ސަރުކާރުންވަނީ މީގެ ކުރިން ބޯހިޔާވަހިކަމަށް ނަގާލޯނުތަކުގެ އިކުއިޓީ 20 އިންސައްތަ އިން 5 އިންސައްތަ އަށް ކުޑަކޮށްދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ހިޔާވެހި ފައިނޭންސް ސްކީމް ގެ ނަމުގައިވެސް ބޯހިޔާވަހިކަމުގެ ސްކީމް އެއް ފަށާފައިވެއެވެ.