ޚަބަރު
އަންނަ އަހަރަކީ މަޝްރޫޢުތައް ނިންމާ ރައްޔިތުންނަށް އެ މަޝްރޫޢުތަކުގެ ފޮނި މީރުކަން ލިބޭނެ އަހަރު: ރައީސް
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރަކީ ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ނިންމައި، ރައްޔިތުންނަށް އެ މަޝްރޫޢުތަކުގެ ފޮނި މީރުކަން ލިބިގެންދާނެ އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ވަޢުދުފުޅުތަކާ އެކު ކަމަށާއި، އޭގެ ތެރެއިން އެންމެ ވަޢުދެއްގެ މަތިން ވެސް ހަނދުމަފުޅު ނައްތައިނުލައްވާ ކަމަށެވެ. އަދި އެއްވެސް ވަޢުދެއް ފުއްދެވުމުގައި އިޙްމާލުވެވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.
ތަފާތު އެކި ސަބަބުތަކާ ހުރެ ބައެއް މަޝްރޫޢުތައް އެންމެ އެކަށީގެންވާ ދުވެލީގައި ކުރިއަށް ނުގެންދެވުނު ނަމަވެސް، އަންނަ އަހަރަކީ މަޝްރޫޢުތަކުގެ އަހަރުގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވައިލެއްވީ ވެސް އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ރަށްރަށުގެ މަގު ހެދުމާއި، ބަނދަރު ތަރައްޤީ ކުރުމާއި، ފެނާއި ނަރުދަމާގެ އިތުރުން ގޮނޑުދޮށް ޙިމާޔަތް ކުރުމާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމުކުރުން ފަދަ ހުރިހާ މަޝްރޫޢެއް ވެސް އަންނަ އަހަރު ބާރު ދުވެލީގައި ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ފަށާފައިވާ އަދި ފެށުމަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ އަންނަ އަހަރު ނިންމައި ރައްޔިތުންނާ ޙަވާލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މި އަހަރަކީ ލޯނު ދެއްކުމުގެ އަހަރު. މި އަންނަ އަހަރަކީ މަޝްރޫޢުތައް ނިންމާ ރައްޔިތުންނަށް ހަވާލުކުރާނެ އަހަރު،"
ރައީސް ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަރަށް ގިނަ ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށާއި، އެ މަސައްކަތްތައް ފެށޭނެ ތާރީޚަކާ ގުޅޭގޮތުން ގިނަ ކައުންސިލްތަކަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އެ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޮޑު ޑްރެޖަރެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
އެއީ މިހާރު އެމްޓީސީސީގައި އޮތް 'މަހާޖައްރާފު' އަށް ވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ކަމަށާއި، އެ އުޅަނދާ އެކު ބިން ހިއްކުމުގެ މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރަށްރަށުގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލަ ގެނެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށާއި، އަންނަ އަހަރު އެއްފަހަރާ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.