ޚަބަރު
މި ސަރުކާރު ރައްޔިތުންނާއެކު ދެމިއޮންނާނީ އަމަލީ ނަތީޖާ ދައްކައިގެން: ރައީސް މުއިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ހިޔާލީ ވާހަކަތައް ދެއްކި ނަމަވެސް، މި ސަރުކާރު ރައްޔިތުންނާއެކު ދެމިއޮންނާނީ ހަގީގީ މައިދާނުގައި އަމަލީ ނަތީޖާ ދައްކައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުގެ އެންމެ މުހިންމު އަސާސަކީ އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ކަންކަން ބައްޓަންކުރުން ކަމަށެވެ. އަދި ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި ދެކޮޅު ހެދި ނަމަވެސް، "ފުރަތަމަ ގައުމު" ޝިއާރުގެ ދަށުން މި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ހުސް ވާހަކަތަކުގެ ބަދަލުގައި އަމަލީ ނަތީޖާ ނެރެދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ހިޔާލީ ވާހަކަތައް ދެއްކި ނަމަވެސް ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކީގައި ކަމަށެވެ.
"އަޅުގަނޑުމެން އުޅޭނީ ހަގީގީ ދުނިޔޭގައި. އިދިކޮޅު މީހުން ހިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި އަޅުގަނޑުމެންދާނީ ރައްޔިތުންނާއެކީ ހަގީގީ ދުނިޔޭގައި ކުރިއަށް،"
ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އުމްރާނީ ތަރައްގީގެ އިތުރުން މާނަވީ ތަރައްގީއަށްވެސް ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދާދިފަހުން ފެއްޓެވި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ މާނަވީ ތަރައްގީ ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ބަޔާންކުރައްވަމުން، އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުމުގެ ރިވެތި އާދަ އަށަގެންނެވުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި ސަރުކާރުގެ ކާމިޔާބީތައް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި، ގައުމުގައި ކުރެވޭ ބިނާތަކުގެ ފުރިހަމަ މާނަ ނެރެވޭނީ މިފަދަ ކަންކަން އިސްލާހުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ހާސިލުކުރި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީގެ ގޮތުގައި "ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް" ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ސާނަވީ ތައުލީމު ނިންމުމަށްފަހު ވަޒީފާއެއް ނުވަތަ މަތީ ތައުލީމުގެ ފުރުސަތެއް ނުލިބި ތިބޭ ޒުވާނުންނަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް 2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހު އިއުލާނުކުރެއްވި މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ:
އަސާސީ ތަމްރީނުގެ ތިން ބެޗަކުން ޖުމްލަ 1,028 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ފުރަތަމަ ބެޗުން 344، ދެވަނަ ބެޗުން 343 އަދި ތިންވަނަ ބެޗުން 341 ދަރިވަރުން ހިމެނެއެވެ.
ފަންނީ ތަމްރީނުގެ ދެ ބެޗަކުން 136 ދަރިވަރުން (ފުރަތަމަ ބެޗުން 63 އަދި ދެވަނަ ބެޗުން 73 ދަރިވަރުން) ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
ޖުމްލަ 1,164 ޒުވާނުން (950 ފިރިހެން އަދި 214 އަންހެން) މިހާތަނަށް ތަމްރީނު ފުރިހަމަކޮށް ގައުމީ ހިދުމަތަށް ނުކުމެފައިވާއިރު، އަސާސީ ތަމްރީނުގެ ހަތަރުވަނަ ބެޗުގައި 352 ދަރިވަރުން (288 ފިރިހެން އަދި 64 އަންހެން) މިހާރުވެސް ދަނީ ތަމްރީނު ހޯދަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހަގީގީ ހައްލުތައް ހޯދައިދީ، ގައުމީ ތަރައްގީގެ އަމަލީ ނަތީޖާ ދެއްކެވުން ކަމަށެވެ.