Ads by Farudhun

ޚަބަރު

ޓެކުހާ ގުޅޭ މުހިންމު ތިން ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ޓެކުހާ ގުޅޭ މުހިންމު ތިން ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

19 ނޮވެމްބަރު 2026، 08:59

19 ނޮވެމްބަރު 2026، 08:59

ދިވެހިރާއްޖޭގެ ޓެކުހާ ގުޅޭ މުހިންމު ތިން ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ބިލުތަކުގެ ތެރޭގައި ހިމެނެނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ތިން ބިލަކީވެސް 17 ނޮވެންބަރު 2026 ވީ އަންގާރަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލުތަކެކެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 9 ވަނަ އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ތެރޭގައި ހިމެނިގެން، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަށާއި އެފަދަ ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އޭޖެންސީ ޚިދުމަތަށް ނުވަތަ ބުކިންގ ޚިދުމަތަށް 1 އޮކްޓޫބަރު 2026 އިން ފެށިގެން ނަގަމުން އައި ޖީ.އެސް.ޓީ ނެގުން ހުއްޓުވުމެވެ. މީގެ އިތުރުން، ޖީ.އެސް.ޓީ ދެއްކުމުން އެއްކިބާވުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުންވެސް މި އިޞްލާޙުގައި ހިމެނެއެވެ. މި ބިލު ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

މީގެ އިތުރުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވުނު 5 ވަނަ އިޞްލާޙުން މީރާއިން ކަނޑައަޅާފައިވާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައްސަލަ އިސްތިއުނާފުކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، އެފަދަ މައްސަލަތައް ދެން އިސްތިއުނާފުކުރެވޭނީ އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 އިންސައްތަ އާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި ޚަލާޞްކުރުމަށްފަހުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މި އަދަދު އެއްކޮށް ދައްކައި ޚަލާޞްކުރަންޖެހޭ ޙާލަތްތަކާއި، އިސްތިއުނާފުކުރާ އަދަދާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް އޮތްނަމަ އެއާމެދު ޢަމަލުކުރަންޖެހޭ އުސޫލުތައްވެސް މި ޤާނޫނުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. މި ޤާނޫނަށްވެސް މިއަދު ގެޒެޓުގައި ޝާއިޢުކުރުމާއެކު މިހާރު ދަނީ ޢަމަލުކުރަމުންނެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 3 ވަނަ އިޞްލާޙުގެ ބޭނުމަކީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތްތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކުރުމެވެ. އަދި އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ  %30 އިން %25 އަށް ކުޑަކުރުންވެސް މި އިޞްލާޙުގައި ހިމެނެއެވެ.

މި އިޞްލާޙުގައިވާ ގޮތުން ޓެކްސް ބިނާކުރެވޭ އާމްދަނީ މި އުސޫލުން ހިސާބުކުރާނީ ޓެކްސް އަހަރު 2027 އަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ. މި ބިލު ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިޢުކޮށްފައިވީ ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450