Ads by Farudhun

ޚަބަރު

ޤައުމެއްގެ ކުރިއެރުމުގެ ފުރާނައަކީ އުންމީދީ ވިސްނުން: ރައީސުލްޖުމްހޫރިއްޔާ

ޤައުމެއްގެ ކުރިއެރުމުގެ ފުރާނައަކީ އުންމީދީ ވިސްނުން: ރައީސުލްޖުމްހޫރިއްޔާ

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ނޮވެމްބަރު 2026، 10:48

19 ނޮވެމްބަރު 2026، 10:48

ޤައުމެއްގެ ކުރިއެރުމުގެ އެންމެ މުހިންމު ފުރާނައަކީ އުންމީދީ ވިސްނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތާރީޚުގައި ޤައުމަށް ތަރައްޤީ ގެނައުމަށް އެކި ޒަމާންތަކުގައި ކުރެވުނު މަސައްކަތްތަކާއި އެ ކަންކަމަށް ކުރިމަތިވި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިގޮތުން، ދިވެހި ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ގެންނަވަން ބޭނުންފުޅުވި ތަރައްޤީއަށް ބައެއް މީހުން ހުރަސްއަޅަން މަސައްކަތްކުރިކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، އަންހެން ކުދީންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް އެ މަނިކުފާނު ވަކާލާތު ކުރެއްވުމުން، އެއީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ބަޔަކު ވިސްނައިދޭން އުޅުނު ކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިގެން ޤާނޫނީ ބާރުވެރިކަމާއެކު އެ ފުރުޞަތު ދިވެހި ދަރީންނަށް ހޯއްދަވައިދެއްވި ކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މުޅި ޤައުމަށް ލިބިފައިވަނީ ބޮޑު ފައިދާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މުޙައްމަދު އަމީންގެ ޒަޢާމަތުގައި ރަށްރަށުގައި މަގުތައް ފުޅާކޮށް ކެނޑުމުގެ މަސައްކަތް ފެއްޓެވުމުން ވެސް ބަޔަކު ދެކޮޅުހެދި ނަމަވެސް، ދުރުވިސްނޭ ރައްޔިތުން އެކަމަށް މަރުޙަބާ ކިޔައި، އަމިއްލައަށް ނިކުމެ މަގުތައް ހެދުމުން ރަށްރަށަށް ފަސޭހަކަމާއި ރީތިކަން ލިބިގެންދިޔަކަން ރައީސް ހަނދާން އާކުރެއްވިއެވެ.

އަދި ހަމައެއާއެކު، ދެވަނަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމަށް ކުރެއްވި މަސައްކަތަށް ވެސް ބަޔަކު ދެކޮޅުހެދި ކަމަށާއި، އިންޖީނުގެ އަޑަށް މަސް ފިލައިގެން ހިނގައިދާނެ ކަމަށް ބުނެ އިންކާރުކުރި ނަމަވެސް، ޅ. ނައިފަރު 'އުންމީދު' ދޯނި ފަދަ އުޅަނދުތަކުން އިސްނަގައިގެން ކުރި އެ މަސައްކަތަކީ މިއަދު ރާއްޖޭގެ މަސްވެރިކަމަށް އައި ބޮޑު އިންގިލާބެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތާރީޚީ މި ހާދިސާތަކުން ދައްކުވައިދެނީ މަދު ބައެއްގެ ހީނަރު ވިސްނުމަށް ވުރެ، ދިވެހި ރައްޔިތުން އަބަދުވެސް އިސްކުރަނީ ޤައުމީ ވިސްނުން ކަމާއި، އެ ރައްޔިތުން އަބަދުވެސް ތިބީ ޒަމާނީ ތަރައްޤީއާއި މަދަނީ ހޭލުންތެރިކަމަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގާ މިއަދު ވެސް ދިވެހި ރައްޔިތުން ތިޔަ ތިއްބެވީ އެ ޙަޤީޤަތުގެ މަތީގާ. އަދި އަޅުގަނޑުގެ ތަރައްގީގެ ސިޔާސަތު އެކަށައަޅާފާ އޮންނާނީ މި ދެ ނުކުތާގެ މައްޗަށް. އެއީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައި މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ދިވެހި ޤައުމިއްޔަތުގެ ތަރަހައިގެ މަތީގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އީޖާދީ އުފެއްދުންތެރި އިޤްތިޞާދަކާއި، ތަޢުލީމީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ މި ސަރުކާރުގެ މައިގަނޑު ތަޞައްވުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450