Ads by Farudhun

ޚަބަރު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އެކުދިންގެ އަޑު އިއްވާނަން: ރައީސުލްޖުމްހޫރިއްޔާ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އެކުދިންގެ އަޑު އިއްވާނަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރެއްވެވި ދަތުރުފުޅެއްގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

20 ނޮވެމްބަރު 2026، 02:30

20 ނޮވެމްބަރު 2026، 02:30

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އެކުދިންގެ ދިރިއުޅުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި އެކުދިންގެ އަޑު އަހައި، އެ އަޑުތަކަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން، މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "މައި ޑޭ، މައި ރައިޓްސް، މައި ފިއުޗަރ" ނުވަތަ "މަގޭ ދުވަސް، މަގޭ ހައްގުތައް، މަގޭ މުސްތަގުބަލު" މިއެވެ.

ރައީސް ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ރައްކާތެރިކަން ވަރުގަދަކުރުމާއި، އާއިލީ މާހައުލުގައި ކުދިން ބެލެހެއްޓުމުގެ ނިޒާމު ފުޅާކުރުމާއި، ސިއްހީ ހިދުމަތްތަކާއި ޝާމިލު ތައުލީމީ ނިޒާމު ކުރިއެރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. މީގެއިތުރުން ތެރަޕީގެ ހިދުމަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަމާއި ރިހެބިލިޓޭޝަން ފަދަ ހިދުމަތްތައް ހަރުދަނާކޮށް، ކުޑަކުދިންގެ ހަޔާތުގެ ކޮންމެ މަރުހަލާއެއްގައިވެސް އެކުދިންގެ ބޭނުންތައް ފުއްދައިދިނުމަށް ރާއްޖެއިން މުހިންމު ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ހަމައެއާއެކު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ގެންނަ އިސްލާހުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވަމުން އަންނަ އައު ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަންކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، ހަގީގީ ކުރިއެރުމެއް ހޯދޭނީ ހަމައެކަނި ކުދިންނަށް އަމާޒުކޮށް ސިޔާސަތުތައް އެކުލަވާލުމުން އެކަނި ނޫން ކަމަށާއި، އެކުދިންގެ ތަޖުރިބާތަކުގެ އަޑު އަހައި، އެކުދިންގެ ވިސްނުމަށް އިހުތިރާމުކޮށް، އެކުދިންނަށް ވާރުތަވާން އޮތް މުސްތަގުބަލު ބިނާކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ކުޑަކުދިން އެދޭ ފަދަ އުޖާލާ މުސްތަގުބަލެއް ބިނާކޮށްދިނުމަށްޓަކައި ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ އަޒުމު އާކުރުމަށް އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450