ޚަބަރު
ވޭތުވެދިޔަ 3 އަހަރު ސްޓޫޑެންޓް ލޯން ސްކީމަށް 1599 މިލިއަނަށް ވުރެ ގިނަ ރުފިޔާ
އިސްލާމިކް ޔުނިވާސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ރައިސް އޮފީސް
ވޭތުވެދިޔަ 3 އަހަރު ސަރުކާރުން ސްޓޫޑެންޓް ލޯން ސްކީމަށް 1599 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.
މި ސަރުކާރުގެ ފުރަތަމަ 156 ހަފްތާގައި ހާސިލްވި ކަންތައްތަކާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ފޮތުގައި ވަނީ، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މަތީ ތައުލީމުގެ ރޮނގުން މި ސަރުކާރުގެ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.
މި ފޮތުގައި ވަނީ، ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ގޮފިތައް އަތޮޅުތަކުގައި އިތުރުކުރައްވައި، އިސްލާމީ ޔުނިވަރސިޓީގެ ތަޢުލީމު އަތޮޅުތަކަށް ފުޅާކުރެއްވުމުގެ މަސައްކަތް ފެއްޓެވުމަށް ކުރައްވާފައިވާ ކަންތައްތައް ފާހަގަކުރައްވާފައެވެ.
އެގޮތުން ސިޓީތަކާއި ރަށްރަށަށް ޤައުމީ ޔުނިވަރސިޓީ ފުޅާކުރުމުގެ ގޮތުން 25 މަޝްރޫއެއް ރާވާފައިވާ ކަމާއި، 12 މަޝްރޫއެއްގައި ސޮއިކޮށް، 6 މަޝްރޫއެއް ކުރިއަށްދާކަން ވަނީ ފާހަގަކުރައްވާފައެވެ. އިސްލާމީ ޔުނިވަރސިޓީ ސިޓީތަކާއި ރަށްރަށަށް ފުޅާކުރުމުގެ ގޮތުން 13 މަޝްރޫއެއް ރާވާފައިވާއިރު، 11 މަޝްރޫއެއްގައި ސޮއިކޮށް، 7 މަޝްރޫއެއް ކުރިއަށްދާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ތިބެ މަތީ ތަޢުލީމަށް ކިޔެވޭނެ ދާއިރާތައް އިތުރުކުރައްވަމުންދާކަމާއި، މަތީ ތަޢުލީމުގެ އެންމެ އުސްކުންނާއި ހަމައަށް ކިޔަވައި ޑޮކްޓްރޭޓްގެ ދަރަޖަ ރާއްޖެއިން ޙާޞިލްކުރާ ދަރިވަރުން އިތުރުވަމުންދާއިރު، ޔުނިވާސިޓީ މަރްހަލާގައި ރާއްޖޭގައި ޕީއެޗްޑީއަށް ކިޔަވާ 90 ދަރިވަރުން މި ވަގުތު އެބަ ތިއްބެވެ. މިއީ ރާއްޖޭގެ މަތީ ތައުލިމުގެ ތާރީހުގައި ރެކޯޑެއްކަން ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން އެމްއެންޔޫއާއި އިސްލާމިކް ޔުނިވާސިޓީގައި 11 ދާއިރާއަކުން 38 ޕްރޮގްރާން މުޅިން އަލަށް ފަށާފައިވާކަމާއި، ދަރިވަރުންނަށް މަތީ ތައުލީމު ފޯރުކޮށްދޭ ސްކީމްއަކުން 11،161 ދަރިވަރުންނަށް އަލުން ފުރުސަތުދީފައިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި 1532 ދަރިވަރުން އެކި ހުނަރާއި މަސައްކަތް ދަސްކޮށް، މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްވެނިވެފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މަތީ ތައުލީމުގެ ސްކޮލަރޝިޕްތަކަށް 670 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައިކޮށްފައިވާއިރު، ފުރަތަމަ ޑިގްރީ ސްކީމަށް ވެސް ވަނީ 399 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއްކޮށްފައެވެ. އަދި ހަމައެހެންމެ، 13 ރަށެއްގައި ހުނަރާއި މަސައްކަތް ދަސްކޮށްދޭނެ މަރުކަޒާއި ދަނާލު ބިނާކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ.
މީގެއިތުރުން، ޢިލްމީ ދިރާސާތަކަށް ތަރުހީބުދެއްވައި، ޤައުމަށް ބޭނުންތެރި މިފަދަ ދިރާސާތައްކުރަން ހޭދަކުރާނެ ދާއިމީ ފަންޑެއް ޤާއިމުކުރެއްވުމުގެ ރިޔާސީ ވަޢުދު ފުއްދަވައި، ޢިލްމީ މަސައްކަތްތައް ރާއްޖޭގައި ކުރެވޭނެގޮތާއި ޢިލްމީ ސިކުނޑިތައް ވެސް ގިނަކޮށްދެއްވާފައިވާކަން މި ފޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ގައުމީ ރިސާޗް ފަންދުން 31 ފަރާތަކަށް، އިލްމީ ދިރާސާތައް ކުރުމަށް ވަނި 4.5 މިލިއަން ރުފިޔާ ދީފައެވެ.