Ads by Exprox

ޚަބަރު

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރީނދޫ ސަމާލު؛ އދ.އަތޮޅުން ފެށިގެން ށ.އަތޮޅަށް

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރީނދޫ ސަމާލު؛ އދ.އަތޮޅުން ފެށިގެން ށ.އަތޮޅަށް

ރާއްޖެ.އެމްވީ

17 ޑިސެމްބަރު 2024، 10:13

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، މިއަދު 11:15އާ ހަމައަށް ރީނދޫ ސަމާލު އދ.އަތޮޅުން ފެށިގެން ށ.އަތޮޅަށް ނެރެފިއެވެ.

މިއަދަކީ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ދުވަހެއްކަމުން، ދަތުރުފަތުރުކުރައްވާ ހުރިހާ ބޭފުޅުން ވެސް މޫސުމަށް ސަމާލުކަން ދެއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތުން، އދ. އަތޮޅާއި ށ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާއި، ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު، ކެރީގެ  އަސަރު ފޯރާނެކަމަށް ވަނީ ލަފާކުރައްވާފައިވެއެވެ. އެހެންހިސާބުތަކަށް ގުގުރުމާއެކު ވާރޭ ވެހުމުގެ ފުރުޞަތު ބޮޑުކަމަށް ލަފާކުރައްވާފައިވެއެވެ. 

މިއަދު ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި، އެހެން ހިސާބުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ. ހަމައެހެންމެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މި އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި، ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލަނާޑުގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން، މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި، މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނަކަމަށް ވެސް އެއިދާރާއިން ވިދާޅުވިއެވެ.

ދެކުނު ކަނޑުތައް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައިވެއެވެ.  ހަމައެހެންމެ، ރާއްޖެއާ ދުރުން ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. ދެކޮޅިގަނޑުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން ފަސް ދުވަހަށް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ވެސް ވަނީ ލަފާކުރައްވަފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco