Ads by Exprox

ޚަބަރު

ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިނޮވޭޝަންގެ ދާއިރާއިން އެސްޓޯނިއާ ހޯދާފައިވާ ކާމިޔާބީތަކަށް ޑރ. މުއިއްޒު ތައުރީފުކުރަށްވައިފި

ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިނޮވޭޝަންގެ ދާއިރާއިން އެސްޓޯނިއާ ހޯދާފައިވާ ކާމިޔާބީތަކަށް ޑރ. މުއިއްޒު ތައުރީފުކުރަށްވައިފި

އެސްޓޯނިއާގެ ރައީސް ދެއްވި ރަސްމީ ފަރިއްކޮޅުގެ ތެރެއިން – ފޮޓޯ: ރައީސް އޮފިސް

14 ޖެނުއަރީ 2025، 11:19

ނަމޫނާ، ތައުރީފު ހައްގު ކާމިޔާބީތަކެއް، ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިނޮވޭޝަންގެ ދާއިރާއިން އެސްޓޯނިއާ ހޯދާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު ފާހަގަކުރަށްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ، އެސްޓޯނިއާއަށް އެމަނިކުފާނު މިވަގުތު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި ރަސްމީ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެސްޓޯނިއާއަކީ، މުޖުތަމައުތައް ބާރުވެރިކުރުމުގައި ޓެކްނޮލޮޖީގެ ކުރިއެރުންތައް ބޭނުންކުރުމުގެ ލާމަސީލު ނަމޫނާއެއްކަން ފާހަގަކުރަށްވާ، ޑރ. އަލާރް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމަށް ތައުރިފުކުރަށްވާފައެވެ. ޑރ. މުއިއްޒު ވިދާޅުވީ، އެސްޓޯނިއާއިން ޓެކްނޮލޮޖީގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަކީ ތަފާތު ނަމުނާއެއް ކަމަށާއި، އެ ކާމިޔާބީތައް ހޯދުމުގެ ތެރެއިން އެ ޤައުމަށް ލިބިފައިވާ ތަޖުރިބާތަކުން އިބުރަތް ހާސިލްކުރުމުގެ ޝައުގުވެރިކަން އުފެދިފައިވާކަމަށެވެ. 

ރާއްޖޭގެ ވެރިޔަކު އެސްޓޯނިއާއަށް ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވައި މިއީ ތާރީޚީ ދަތުރުފުޅެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރަށްވާފައިވެއެވެ. އެ މަނިކުފާނު ވިދާޅުވީ، މި ދަތުރުފުޅުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުގެ މެދުގައި އޮތް އެއްގޮތް ވިސްނުމާއި އެކަމަށް ދޭ ސަމާލުކަން ރަމްޒުކޮށްދޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް އަދި އިނޮވޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ޤައުމުގެ އެކި ފަރާތްތަކާ މަޝްވަރާ ކުރައްވަން ރާއްވަވާފައިވެއެވެ. އެމަނިކުފާނާއެކު، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކުރެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco