Ads by Exprox

ޚަބަރު

އެސްޓޯނިއާ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފި

އެސްޓޯނިއާ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެސްޓޯނިއާގެ ރައީސް އަލަރ ކާރިސް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖެނުއަރީ 2025، 11:42

14 ޖެނުއަރީ 2025، 11:42

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންދާ ތާރީޚީ ދަތުރުފުޅުގައި، އެޤައުމުގެ ސަރުކާރުން ދެއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފިއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކްފާން ވަނީ މިކަން ހާމަކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެސްޓޯނިއާގެ ރައީސް އަލަރ ކާރިސްއާއި އެކު ބޭއްވެވި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ސައިބަރ ސެކިއުރިޓީ، މޫސުމަށް އަންނަ ބަދަލުތަކާއި ތަޢުލީމީ ދާއިރާއާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އާއި އެސްޓޯނިއާ ފަދަ ކުދި ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އޮތުމަކީ، އެޤައުމުތަކުގެ ސަލާމަތާއި މިނިވަންކަން ދެމެހެއްޓުމަށް މުހިންމު ކަމެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމަކީ ދުނިޔޭގެ ސުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީއަށް ވެސް މުހިންމު ކަމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.



މި ދަތުރުފުޅަކީ ދިވެހި ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށްވާތީ، މިއީ ތާރީޚީ ދަތުރުފުޅެއް ކަމުގައި ރައީސް މުޢިއްޒު ސިފަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެޤައުމުގެ މެދުގައި އިތުރު ގުޅުންތައް ޤާއިމުކުރެވި، އެކުގައި ކުރިއަށް ދިއުމަށް މަގުފަހިވާނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS