ޚަބަރު
ހުޅުދުއްފާރުގައި ދެ ބޭންކެއްގެ އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުދުއްފާރުގައި ދެ ބޭންކެއްގެ އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ:އިންޓަނެޓް
ރ. ހުޅުދުއްފާރުގައި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދުއްފާރު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި އެއްބަސްވުމުގައި ހުޅުދުއްފާރު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އާތިފްއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ބަދުރުއްދީން ހަސަންއެވެ. އަދި އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ބޭންކުގެ މެނޭޖިންގް ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީއެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ވަނީ ޚާއްސަ މަޝްރޫޢެއް ފަށްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި މިހާރު ޚިދުމަތް ނުދެވޭ ރަށްތަކުގައި މިއަހަރުގެ ނިޔަލަށް އޭޓީއެމް ބެހެއްޓުމަށް ވަނީ ރޭވިފައެވެ.
އިއްޔެ ވަނީ ރ. އަތޮޅުގެ އިތުރު ތިން ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އެއީ ރ. ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމެވެ. މީގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކުން 19 ރަށެއްގައި މިއަހަރުގެ ނިޔަލަށް އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.