ޚަބަރު
ކިނޮޅަހުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރ. ކިނޮޅަހުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފްއެވެ.
ކިނޮޅަސް ކައުންސިލްގެ އައު އިމާރާތަކީ މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ކައުންސިލް އިމާރާތެކެވެ. މި މަޝްރޫޢުގެ ދަށުން މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން އެންމެ ދަށްކޮށްހުރި ކައުންސިލް އިމާރާތްތަކުގެ ތެރެއިން 55 ކައުންސިލްއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.
މި 55 ކައުންސިލްގެ އިމާރާތް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަސް ހިމެނޭހެން މިހާތަނަށް 4 ރަށެއްގައި ވަނީ ބިންގާ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ކައުންސިލް އިދާރާތަކުގެ ސަބަބުން ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ކިނޮޅަހުގެ އައު ކައުންސިލް އިމާރާތުގެ މަސައްކަތް ނިމި، ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އެހެން ކައުންސިލް އިދާރާތަކުގެ މަސައްކަތް ވެސް އަވަހަށް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.