ޚަބަރު
މުރައިދޫއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ހއ. މުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން---
ހުލާސާ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމްޓީސީސީ އިން އެ ރަށުން ފައިބާނީ މަސައްކަތް ނިންމާފައިކަމަށް.
މުރައިދޫއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަކަމުގައިވާ، އެ ރަށުގެ ނެރާއި ބޭރުތޮށްޓާއި ބަނދަރުގެ މައްސަލައިގެ ސަބަބުން ލަފާފުރުމަށް ދިމާވެފައިވާ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހއ އަތޮޅަށް މިއަދު ހެނދުނު އެ މަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި މުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އިރާދަކުރެއްވިއްޔާ މި ރަށަށް ދެން އަޅުގަނޑު އަންނާނީ ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ބޭރު ތޮށި ޝީޓުޕައިލްކޮށްދީ، އެ ބަނދަރު ހުޅުވަން.
ހިނިތުންވެހުރެ މުރައިދޫގެ ރައްޔިތުންނާ މުޙާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، މުރައިދޫއަށް ކުރިމަތިވެފައިއޮތް އެންމެ ބޮޑު މައްސަލައަކީ ލަފާފުރުމުގެ ދަތިކަންކަން އެ މަނިކުފާނަށް އެނގިލައްވާ ކަމަށާއި، މިއީ ހުރިހާ ވިސްނަމުން ބެލިއަސް، އެ ރަށުގެ ބަނދަރަށް ރަގަޅު ޙައްލެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި ވެސް އެކަން އެނގިގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަޅުގަނޑު ތިބޭފުޅުންނަށް ދޭ ޔަޤީންކަމަކީ، ބޭރު ތޮށީގެ މި މައްސަލައަށް ދާއިމީ ޙައްލެއް ގެންނާނެކަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މުރައިދޫގެ ބަނދަރުގެ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އެކި ސަރުކާރުތަކުގައި ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވެސް އޮތް މައްސަލައެއް ކަމަށާއި، އޭގެ ފަހުން މިދިޔަ ސަރުކާރަށްވެސް އެ މައްސަލަ ޙައްލު ނުކުރެވި އޮތުމަކީ ހިތާމައެއް ކަމަށާއި، ނަމަވެސް މިކަމުގައި އަބަދު ރައްޔިތުން ތަކުލީފު އުފުލަން ޖެހުމަކީ އިންސާފެއް ނޫން ކަމަށާއި، އަދި އެ މައްސަލަ ޙައްލު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ދެންނެވިއެވެ.
މި ރަށުގައި އެމްޓީސީސީ މިއޮތީ މަސައްކަތަށް މޮބިލައިޒް ކުރެވިފަ. އެމްޓީސީސީ މި ރަށުން ފައިބާނީ ތިޔަ ބޭފުޅުން އެދިލައްވާ ގޮތަށް ބޭރު ތޮށި ހަދާދީފައި.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ
މި މަޢުޝޫއަށް އަލިއަޅުވާލައްވައި، އެ ރަށު ކައުންސިލްގެ ރައީސް ޢަލީ ސިނާން އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން އެންމެ ބޮޑަށް އޮތް ދެ ރަށުގެ ތެރެއިން އެއް ރަށަކީ މުރައިދޫ ކަމަށާއި، މި މައްސަލައާ ގުޅިގެން މީގެ ކުރިން އެތައް ބައެއްގެ ފުރާނައާއި މުދަލެއް ގެއްލިދިއުމުގެ ހާދިސާތައް ވެސް ހިނގާފައިވާކަމުގައެވެ.
މުރައިދޫގައި އެންމެ ފުރަތަމަ ބަދަރެއް ހަދާފައިވަނީ 2008ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 2021ގައި އެ ބަނދަރު ރިނޮވޭޝަން މަސައްކަތް ފެށި ނަމަވެސް، މިއަދާ ހަމައަށް އައިއިރު އެ މަސައްކަތް ނިންމާލެވިފައިނުވާކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވެވިއެވެ.
މީގެ އިތުރުން ވެސް، މުރައިދޫއަށް ކުރިމަތިވެފައި އޮތް ގިނަ މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.