ޚަބަރު
އުތީމުގައި ބީއެމްއެލްގެ އޭޓީއެމްއެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އުތީމުގައި އޭޓީއެމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އަޙްމަދު އިޔާދު/ފަރުދުން
ހުލާސާ
މިއީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އޭޓީއެމް ޤާއިމްކުރުމުގެ މަސައްކަތް ބީއެމްއެލްގެ ފަރާތުން ހަވާލު ކުރެވުނު ދެވަނަ ރަށް.
ހއ. އުތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެއް ޤާއިމްކުރުމަށް، އެ ރަށުގެ ކައުންސިލާއި ބީއެމްއެލްއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހއ އަތޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އުތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.
މި އެއްބަސްވުމަކީ، ރައްޔިތުންގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ. އަދި ބިއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އޭޓީއެމް ޤާއިމްކުރުމުގެ މަސައްކަތް ބީއެމްއެލްގެ ފަރާތުން ހަވާލު ކުރެވުނު ދެވަނަ ރަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އޭޓީއެމްގެ މަސައްކަތް ފުރަތަމަ ހަވާލުކޮށްފައިވަނީ ހއ. މުރައިދޫގެ ކައުންސިލާއެވެ.
ސަރުކާރުގެ ފަރާތުން މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.