Ads by Exprox

ޚަބަރު

ފިއްލަދޫގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް މަޝްވަރާކުރަށްވައިފި

ފިއްލަދޫގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް މަޝްވަރާކުރަށްވައިފި

ފިއްލަދޫގައި ބޭއްވުނު މަޝްވަރާ ބައްދަލުވުން/ ފޮޓޯ: ޕްރެޒިޑެންސީ އެމްވީ

29 ޖެނުއަރީ 2025، 10:17

ފިއްލަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އ.ތ.މ ކޮމިޓީއާއި، މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރަށްވާ، ފިއްލަދޫގެ ތަރައްޤީއަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރަށްވައިފިއެވެ. 

މި ބައްދަލުވުމުގައި ބައިވެރިވި ފިއްލަދޫގެ އިސްވެރިން، ފިއްލަދޫ ސްކޫލުގައްޔާއި، ޞިއްޙީ މަރުކަޒުގައި ހުރި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމާއި، ލޭބޯޓްރީއަށް ބޭނުންވާ ތަފާތު ރީއެޖެންޓުތައް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތައް ޑރ. މުޙައްމަދު މުޢިއްޒާ ޙިއްސާކުރަށްވާފައިވެއެވެ. ހަމައެހެންމެ، އަލަށް އާބާދުވާ ސަރަޙައްދުގައި ކަރަންޓާއި ޔުޓިލިޓީ ޚިދުމަތް ޤާއިމުވެފައި ނެތުމުގެ ސަބަބުންނާއި، އެ ރަށުގައި ކުނިކޮށްޓެއް ބިނާކުރެވިފައި ނެތުމުގެ ސަބަބުން ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެއެވެ. 



މޫސުން ގޯސްވުމާއެކު، މިރަށުގައި ފެންބޮޑުވެ، މަގުތަކުގައި ހިނގާބިނގާވެ އުޅުމުގައި ދަތިތަކާ ކުރިމަތިވުމަކީ ވެސް މި ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއަށް ކިޔައިދެއްވަމުން، އެ ރަށު ކައުންސިލް މެންބަރުން ވަނީ، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާކަން ޑރ. މުޙައްމަދު މުޢިއްޒަށް ހާމަކޮށްދެއްވާފައެވެ. 

މި ބައްދަލުވުމުގައި ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރަށުގެ މަގުތައް ހެދުމަށް ސްކޯޕު ކަނޑައެޅިގެންދިޔުމުން، މަގުތައް ޒަމާނި ފެންވަރަށް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު ގެންދެވޭނެގޮތެއް ނިންމަވާނެކަމުގައި ވިދާޅުވެފައެވެ. ހަމައެހެންމެ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރަށްވާ، ފިއްލަދޫ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެ ކައުންސިލާ ހިއްސާކުރަށްވާފައި ވެސް ވެއެވެ. 

މިގޮތުން، އެރަށު ސިއްޙީމަރުކަޒުގައި 16 ގަޑިއިރު ޚިދުމަތް ދެވެމުންދާއިރު، އެތަނަށް ބޭނުންވާ މިންވަރަށް މުޢައްޒަފުން ނެތުމުގެ މައްސަލަ ހައްލުކުރުމަށް ފައިނޭންސް މިނިސްޓްރިއާ ގުޅިގެން މަސައްކަތް ކުރަށްވަމުންގެންދަވާކަމާއި، ރިއޭޖެންޓްސް ލިބުމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެސް.ޓީ.އޯ އާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވަމުންދާކަން ވަޒީރުން ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS