ޚަބަރު
ދިއްދޫ އެއަރޕޯޓުގެ މަޝްރޫޢު ހަޤީޤަތަކަށް ހަދައިދޭނަންކަމަށް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ދިއްދޫގެ ރައްޔިތުންނާ ވާހަކަފުޅުދެއްކެވުން
ދިއްދޫގައި އެޅުމަށް ވެވަޑައިގެންފައިވާ އެއަރޕޯޓްގެ ވަޢުދުފުއްދުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެކަމަށާއި، ދިއްދޫގެ ތަރައްޤީގައި މިސަރުކާރުން ނަތީޖާ ނެރެދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރިއާސީ އިންތިޚާބުގައި ދިއްދޫގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގަތީ، އެ ވަޢުދުތައް ފުއްދައިދެވޭނެކަމުގ ޔަޤީންކަން އޮތުމުންކަމަށެވެ. ދިއްދޫ ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ޚާއްޞަކަމަކަށް އެއަރޕޯޓްގެ މަސައްކަތަކީ ދިއްދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއްކަމަށާއި، އެއީ ދިއްދޫއާއި، މުޅި އަތޮޅުގެ މެދު އަދި ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭނަށް މުހިންމު މަޝްރޫޢުއެއްކަމަށެވެ.
ދިއްދޫއަށް ދެން ވަޑައިގަންނަވާނީ، އެ ރަށުގެ އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި، އެ އެއަރޕޯޓް ހުޅުވައިދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ https://t.co/7pLHhDbEYo pic.twitter.com/n7mneiVNPq
— The President's Office (@presidencymv) January 28, 2025
"އަޅުގަނޑު ދޭ ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ މިއަހަރު ބިން ހިއްކުމާއެކު އެއަރޕޯޓްގެ އަމަލީ މަސައްކަތްފަށާއި، ދެން ކުރަންޖެހޭ ޝޯ ޕްރޮޓެކްޝަނާއި ރަންވޭ އަދި ޢިމާރާތާއެކު ފެށޭ ހިސާބުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިމައިދޭނަމޭ. ދެން މިރަށަކަށް އަންނާނީ އެ އެއަރޕޯޓްގައި ޖައްސާ ފްލައިޓުގައި. އެންމެ ފުރަތަމަ ޓިކެޓު ނަގައިގެން އަންނަ ބޭފުޅުންގެ ތެރޭގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބޭފުޅުން ހިމެނޭނެކަން ޔަޤީން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮންމެ ރައްޔިތަކީ ވެސް އެމަނިކުފާނަށް ހަމަހަމަ ރައްޔިތެއްކަމަށާއި، އެއް ރައްޔިތަކު އަނެއް ރައްޔިތަކާ ސިޔާސީގޮތުން ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫންކަމަށް ރައީސް މި ވާހަކަކޮޅުގައި ވިދާޅުވެފައިވެއެވެ. މި މަސައްކަތަކީ، ސިޔާސީ މަސައްކަތެއް ނޫންކަމަށާއި، ރައްޔިތުން ބޭނުންވާކަންކަން ކޮއްދެއްވުމަށް މަސައްކަތް ކުރަށްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ފަތާ ޓްރެކެއް ތަރައްޤީކޮށް، އޮޑިދޯނިފަހަރު އެހެލާ ސަރަހައްދާ އެނޫންވެސް ވަށާޖެހޭ ތަރައްޤީއަށް ބޭނުންވާ މަޝްރޫއުތައް ހިންގާނެކަމަށް ރިޔާސީ ކެމްޕެއިނުގެ ތެރެއިން ރައީސް ވެވަޑައިގެންވި ވަޢުދުތައް ވެސް މި ވާހަކަކޮޅުގެ ތެރެއިން އެމަނިކުފާނު ވަނީ ހަނދާން އައުކުރަށްވާފައެވެ.
ރައީސް ވިދާޅުވީ ވައުދުވެފައިވާ އެންމެ ކަމެއްވެސް ދޫކޮށް ނުލާނެކަމަށެވެ. ތަރައްޤީގެ ކަންކަމުގައި ހުރިހާ އެންމެންވެސް އެކުވެރިކަމާއެކު ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.