Ads by Exprox

ޚަބަރު

ތަކަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސް ތެރޭ ފެށޭނެ: ރައީސް

ތަކަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސް ތެރޭ ފެށޭނެ: ރައީސް

ރައިސުލްޖުމްހޫރިއްޔަ ހއ. ތަކަންދޫގެ ރައްޔިތުންނާ މުޙާތަބުކުރެއްވުން/ ފޮޓޯ: ރައިސް އޮފިސް

29 ޖެނުއަރީ 2025، 03:28

ތަކަނދޫ ބަނދަރު ތަރައްޤީކޮށް، އާރުޓީއެލް ދަތުރުތައް ރޯދައިގެ ކުރިން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތަކަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.



ތަކަންދޫގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު އެ ރަށަށް ފޭބުމާއެކު ވެސް ބަނދަރުގެ މައްސަލަ ފާހަގަކުރެވިފައި ވާކަމަށާއި، ރައްޔިތުންގެ ގާތަށް އެމަނިކުފާނު ވަޑައިގަތުމުގެ ބޭނުމަކީ ވެސް ރަށްރަށުގެ ޙާލަތު ގާތުން ބެއްލެވުން ކަމަށެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަކަންދޫ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ޢަމަލީ މަސައްކަތް އޭޕްރީލް މަހުގެތެރޭގައި ފަށްޓަވާނެކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދަވާނީ، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބި، ރަށުގެ ޤުދުރަތީ ރީތިކަން ނުގެއްލޭގޮތަށް ކަމަށެވެ.

މި ރަށަށް ދޭން ބޭނުންވާ އެންމެ މުހިންމު މެސެޖަކީ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި ފަށަންޖެހި ނުފެށި އޮތް މަޝްރޫޢު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ތިން މަސްތެރޭގައި ފެށޭނޭ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އާބާދީގެ ގޮތުން ކިތަންމެ ކުޑަނަމަވެސް ތައްރީޤީގެ ރޮނގުން ތަކަންދޫ ބޭރުނުކުރާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ހަމައެހެންމެ،  ދަތުރުފަތުރުކުރުމުގެ ޚިދުމަތަށް އަލިއަޅުއްވާލައްވަމުން، އަންނަ ރަމަޟާންމަހުގެ ކުރިން އާރުޓީއެލް ފެރީ ތަކަންދުއާއި މާރަންދޫއަށް ފައްޓަވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. 

ތަކަންދޫގެ ސްކޫލަށް ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއި، ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށްދިނުމުގެ އިތުރުން، ރައްޔިތުންނަށް ހިތްފަސޭހަ ރަށަކަށް ތަކަންދޫ ހައްދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco