Ads by Exprox

ޚަބަރު

ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަޙުނިޔާ ވިދާޅުވެއްޖެ

ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަޙުނިޔާ ވިދާޅުވެއްޖެ

ފޮޓޯ: ޕްރެސިޑެންސީ އެމްވީ

04 ފެބްރުއަރީ 2025، 08:44

ކިންގްޑަމް އޮފް ބެލްޖިއަމްގެ އައު ބޮޑު ވަޒީރު، ބާރޓް ޑެ ވޭވަރއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ބޮޑު ވަޒީރުކަމުގެ މަޤާމުގެ ހުވައި ކުރެއްވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެން، ބެލްޖިއަމްގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވާނެކަމުގެ އިތުބާރާއި ޔަޤީންކަން އެބަ އޮތް ކަމުގައި ވިދާޅުވެފައިވެއެވެ.



މި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި ބެލްޖިއަމާދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުވައިލައި، ބައި ޤަރުނެއްހާ ދުވަސްވީ މި އެކުވެރި ގުޅުމަކީ، ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި، ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރައްވާފައިވެއެވެ. ހަމައެހެންމެ ދެ ޤައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދޭދޭ މަސްލަޙަތު ހިމެނޭ ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco