Ads by Exprox

ޚަބަރު

މަސްވެރިންނަށް ލުއިލޯނާއި ކްރެޑިޓް ފެސިލިޓީގެ ފުރުޞަތު މިއަހަރު ފަހިކޮށްދެއްވަނީ

މަސްވެރިންނަށް ލުއިލޯނާއި ކްރެޑިޓް ފެސިލިޓީގެ ފުރުޞަތު މިއަހަރު ފަހިކޮށްދެއްވަނީ

ރާއްޖޭގައި މަސްވެރިކަން ކުރާ ދޯންޏެއް ފޮޓޯ:ކޮރަލް ގްލާސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ފެބްރުއަރީ 2025، 11:16

06 ފެބްރުއަރީ 2025، 11:16

މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީއަށް އެދުމުގެ ފުރުޞަތު މި އަހަރުތެރޭ ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި މަސްވެރިކަމަކީ ދިވެހީންގެ އައިޑެންޓިޓީއާއި ދެމިތިބުމާ ގުޅިފައިވާ ޤުދުރަތީ އެންމެ މުހިންމު އެއް ހަދިޔާކަމަށެވެ. އަދި ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަ ގޮތަށް ކުރިއެރުވުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރު ވަނީ ޤާއިމުކުރެވިފައެވެ. އަދި ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީހުރި ފައިސާއާއެކު، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ބެކްލޮގް އެއްކޮށް މިހާރު ވަނީ ޚަލާސްކޮށްފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސިންގ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ޤާއިމުކުރުމުގެ މަސައްކަތްތަކާއި ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މަސްވެރިންގެ ޤައުމީ ދަފުތަރެއް އުފައްދާ، އެ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 އިންސައްތަ ވަނީ ރަޖިސްޓަރީވެފައެވެ. މި ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުޞަތާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުޞަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުންވަނީ ޤައުމީ މިފަދަ ކޮންމެ ދާއިރާއެއްގެވެސް ޚިދުމަތްތެރީން ދައުލަތުން ޝަރަފާއެކު ބަލައިގަނެ، މި ފަދަ އެތައް ފުރުޞަތެއް ފަހިކޮށްދޭން. މިއީ އެއް ޤައުމެއް. އެއް އާއިލާއެއް

ރައީސް މުޢިއްޒު

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކަކީ ޒަމާންވީ މައްސަލައެއްކަމަށް ފާހަގަކުރައްވައި، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫ އަދި ސަޢުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، 100 ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ބެހެއްޓުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއްގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނަރޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި މަސްވެރިންނާއި އޮޑިވެރިންނާއި އާންމު ފަރުދުންގެ ފައިދާއަށްޓަކައި މި އަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ ގެ ފިއުލް ސްކިޑް ޤާއިމުކޮށް އެސް.ޓީ.އޯ ރޭޓުގައި ޑީސަލް ތެޔޮ ވިއްކަން ފެށޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.



                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS