Ads by Aqeeqa Maldives

ޚަބަރު

އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ކުދިންގެ ބޭނުންތަކަށް ރޯޒްމަންޓް އެވެނިއު އަލުން ހަމަޖައްސައިފި

އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ކުދިންގެ ބޭނުންތަކަށް ރޯޒްމަންޓް އެވެނިއު އަލުން ހަމަޖައްސައިފި

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 އޭޕްރީލު 2025، 11:35

05 އޭޕްރީލު 2025، 11:35

އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ކުދިންގެ ބޭނުންތަކަށް، މީގެ ކުރިންވެސް އެ ޤައުމުގައި ދަރިވަރުން ބޭނުންކުރަމުންދިޔަ "ނަންބަރު 9، ރޯޒްމަންޓް އެވެނިއު"، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ހަމަޖައްސަވައިފިއެވެ. 

މި ގެއަކީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ކުދިންގެ އެކަމަޑޭޝަން ބްލޮކެއްގެ ގޮތުގައާއި، އެ ޤައުމުގައި އޮންނަ ދިވެހި ކިޔަވާކުދިންގެ އެސޯސިއޭޝަންގެ އެކިއެކި ބޭނުންތަކަށް ބޭނުންކުރަމުން ދިޔަ ތަނެކެވެ. މި އެސޯސިއޭޝަން ހިންގަމުން އައީ، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދަރިވަރުންގެ އިޖުތިމާއީ ބޭނުންތަކާއި، ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގުމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުގައި ކިޔަވަން ހުންނެވި ދުވަސްކޮޅު މި އެސޯސިއޭޝަންގެ ޗެއާރގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.

ދަރިވަރުންނަށް މި ތަން ގެއްލުނީ، 2019 ވަނަ އަހަރު ހައިކޮމިޝަނުގެ ބޭނުންތަކަށް މިތަން ނެގުމުންނެވެ. ނަމަވެސް އިނގިރޭސިވިލާތަށް ކުރެއްވެވި ދަތުރުފުޅުގައި އެ ޤައުމުގައި ދިރިއުޅޭ ކިޔަވާ ކުދިންނާއި ބައްދަލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ގެއަކީ ދަރިވަރުންގެ އެކިއެކި ބޭނުންތަކަށް މުހިންމު ތަނެއް ކަމަށާއި، އެހެންކަމުން ދަރިވަރުންގެ ބޭނުންތަކަށް ޙާއްސަކޮށް އެ ތަން ހަމަޖެއްސުމަށް، އެކަމާ ގުޅޭ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. 



މީގެ އިތުރުން، ދަރިވަރުންގެ އެސޯސިއޭޝަން ހިންގުމަށް ސަރުކާރުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އެ އެސޯސިއޭޝަންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް މިހާރު ހުޅުވާފައިވާނެ ކަމަށާއި، އަދި އެ އެކައުންޓަށް ދެހާސް ޔޫރޯ ޖަމާކޮށްފައިވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ފައިސާއަކީ އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކަށް، ކޮންމެ އަހަރަކު ވެސް ސަރުކާރުން ހަމަޖައްސައިދޭނެ އެހީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވެވިއެވެ. 

މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާނެކަމަށާއި، މިހާތަނަށް ލިބިފައިވާ ޝަކުވާތަކަށް ރިޢާޔަތްކޮށް، ކަންކަން ރަގަޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

އަދި މިއީ އިނގިރޭސިވިލާތް ނޫނަސް، ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ހުރިހާ ދިވެހި ދަރިވަރުންނަށް ވެސް ސަރުކާރުން ދެއްވާނެ އަހަމިއްޔަތުކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS