ޚަބަރު
ކުރިއަށް އޮތް ހަފްތާގައި މުޅި ރާއްޖެއަށް ވިއްސާރަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

ވިއްސާރަ ދުވަހަކު މާލޭގެ ތެރެއިން/ފޮޓޯ: ރާއްޖެ އެމްވީ
މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަފްތާގެ ނިޔަލަށް މުޅި ރާއްޖެއަށް ވިއްސާރަ ވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މޫސުން ލަފާކޮށް ވިދާޅުވީ، މިއަދު ރާއްޖޭގެ ދެކުނަށާއި މެދު ރާއްޖެތެރެއަށް ވިއްސާރަ ކުރާނެ ކަމަށެވެ. ހަމަ އެހެންމެ، މާދަމާ ވެސް ދެކުނާއި މެދު ރާއްޖެތެރެއަށް ވިއްސާރަކުރުމާއެކު އުތުުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން އެ އިދާރާއިން ވިދާޅުވީ، ވިއްސާރައާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސަހަޙައްދަކަށް ވެސް ބޯކޮށް ވާރޭވެހުމާއިއެކު، ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ އުތުރަށް މުސުން ރަނގަޅުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަޙައްދުތަކަށް ވައި މަޑުވާނެ ކަމަށާއި، ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ހަފްތާގައި މޫސުން ގޯސްވާނެކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.