ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ލިވަޕޫލް ފުޓުބޯޅަ ކްލަބާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ފެށި ބައިނަލްއަޤްވާމީ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙު ކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ލިވަޕޫލް ފުޓުބޯޅަ ކްލަބާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ފެށި ބައިނަލްއަޤްވާމީ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙު ކުރެއްވުމަށް އިނގިރޭސިވިލާތުގެ ލިވަޕޫލްއަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.
މި މަހުގެ ދެވަނަ ދުވަހު ލިވަޕޫލް އާއި އެވަޓަން ބައްދަލުކުރި މެޗުގައި އޮތް މި ރައްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ވަނީ މި މެޗު ބައްލަވާލައްވާފައެވެ. މީގެ އިތުރުން، ލިވަޕޫލްގެ އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވިއެވެ.
މި ރަސްމިއްޔާތުގެ ކަންކަން ނިންމަވާލެއްވުމަށްފަހު، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަރުންނާ ވެސް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވެވިއެވެ. މި ބައްދަލުކުރެއްވުމުގައި، ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ. އަދި، މަތީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވުމުގައި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އެދަރިވަރުންނަށް ދެއްވާފައެވެ.
ލިވަޕޫލް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ހަދާފައިމިވާ ޕާޓްނާޝިޕްގެ މުއްދަތަކީ 3 އަހަރާއި 6 މަސްދުވަހެވެ. މި ޕާޓްނަރޝިޕްގެ ދަށުން، މާރިޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއްވެސް ފަށާފައެވެ. ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ މުހިންމު ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ލަންޑަންގެ 100 ޓެކްސީއަކާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ ޢަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެއެވެ.
މީގެ އިތުރުން، ޕްރިމިއަރ ލީގް މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، ލިވަޕޫލްގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަޤުވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވެއެވެ.