Ads by Aqeeqa Maldives

ޚަބަރު

އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

ސްކޫލް ދަރިވަރުންތަކެއް ޔުނީފޯމުގައި، ފޮޓޯ: އިންޓަނެޓް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޭޕްރީލު 2025، 07:55

07 އޭޕްރީލު 2025، 07:55

ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެ މަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ، ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެންމެ ފުރަތަމަ އެ މަނިކުފާނު ވަނީ، ދިރާސީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ލޮބުވެތި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންނަށާއި އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ދަންނަވާފައެވެ.

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއި އެކު އަރިސްކުރަމެވެ.

ދިރާސީ އައު އަހަރުގެ ތަޙުނިޔާ ދަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ މި މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރެއްވުމަށެވެ. އެގޮތުން ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދަރިވަރުން ހޯދާ ނަތީޖާތައް އިތުރަށް ރަގަޅުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ. 

އަޅުގަނޑު އެދެނީ، މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމެވެ. ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމެވެ.

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު ދެއްވި ޔަޤީންކަމަކީ، އެއްވެސް ރަށެއްގެ އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކު ފޯރުކޮށްދޭނެކަމެވެ. އަދި މިކަމުގައި ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް މަސައްކަތް ކުރައްވާނެކަމެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖު ނިންމަވާލެއްވުމުގެ ކުރިން އެ މަނިކުފާނުގެ ދުޢާގައި ދެންނެވީ، މި ފެށުނު ދިރާސީ އަހަރަކީ ގަދަކީރިތިވަންތަ ﷲގެ ރަޙްމަތާއި، މަދަދާއި، ނިޢުމަތުން ފުރިގެންވާ އަހަރެއްކަމުގައި ލެއްވުމަށާއި، ބެލެނިވެރީން ކުރައްވާ ހިންމަތުގައި ބަރަކާތްލައްވާ، މުދައްރިސުންނަށް ހީވާގިކަމާއި ޢިލްމު އިތުރުކޮށްދެއްވައި، ދަރިވަރުންނަށް ތޫނުފިލިކަން އިތުރުކޮށްދެއްވުމަށެވެ. އަދި ޤައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުންވެސް ޚިދުމަތްތެރި މޮޅު ދަރީންތަކެއް ބިނާކުރުގެ ހެޔޮ ތައުފީޤު ދިވެހިރާއްޖެއަށް މިންވަރުކުރެއްވުމަށް ދަންނަވަމުން، އެ މަނިކުފާނުގެ މެސެޖު ނިންމަވާލެއްވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS