Ads by Aqeeqa Maldives

ޚަބަރު

ތަޢުލީމީ ދާއިރާގައި 600 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްދާކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ތަޢުލީމީ ދާއިރާގައި 600 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްދާކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 02:58

10 އޭޕްރީލު 2025، 02:58

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޢުމްރާނީ މަސައްކަތުގެ ތެރެއިން 600 އަށްވުރެ ގިނަ މަޝްރޫޢު މިހާރު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މީގެ ތެރޭގައި 500 އަށްވުރެ ގިނަ ކްލާސްރޫމް ސްކޫލްތަކަށް އިތުރުކުރުން ހިމެނެއެވެ.

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ރައީސް މުޢިއްޒު މި މަޢުލޫމާތު ހާމަކުރެއްވިއެވެ. މި ޕޮޑްކާސްޓް ޚާއްޞަކޮށްފައިވަނީ ތަޢުލީމީ ދާއިރާއަށެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، މިހާރު ސަރުކާރުގެ ސްކޫލްތަކުގައި 3,740 ކްލާސްރޫމް ހުރެއެވެ. އަދި އިތުރު 531 ކްލާސްރޫމް އެކި ސްކޫލްތަކަށް އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 44 މަލްޓިޕާޕަސް ހޯލް އަދި 19 ސައިންސް ލެބް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 10 ރަށެއްގައި ލައިބްރަރީ، 6 ރަށެއްގައި ކޮމްޕިއުޓަރ ލެބް، އަދި 24 ސްޓާފް ރޫމް ތަރައްޤީކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި، މަޖީދިއްޔާ ސްކޫލްގައި އައު އިމާރާތެއް އެޅުމާއި، މާލޭގައި ދެވަނަ އޭލެވެލް ސްކޫލެއް ތަރައްޤީކުރުމާއި، ހުޅުމާލޭގައި 2 ސްކޫލް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 70 މިލިއަން ޑޮލަރުގެ އަގުގައި 8 ސްކޫލް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށާއި، ތާޖުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ. އަދި ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް ނިންމައި، 2027 ވަނަ އަހަރުގެ ދިރާސީ އަހަރުގައި އެ ސްކޫލްގައި ކިޔަވައިދޭން ފެށޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS