ޚަބަރު
ރާއްޖޭގެ 3 ސަރަޙައްދެއްގެ އިހުސާސްކުރެވޭ ފިނިހޫނުމިން 37 އިން މައްޗަށް!

މާލެ ތެރެއިން/ފޮޓޯ: ތްރިލިފޮލިއާ
ރާއްޖޭގެ ތިން ސަރަޙައްދެއްގެ އިހުސާސްކުރެވޭ ފިނިހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ހުރިކަަމަށް، ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މިއަދުގެ 14:00 ގައި ރާއްޖޭގެ ފިނިހޫނުމިން ހުރި މިންވަރާއި، އިހުސާސްކުރެވޭނެކަމަށް ލަފާކުރެވޭ ފިނިހޫނުމިން ހުރި މިންވަރު އާންމުކޮށްފައެވެ.
މެޓް އޮފީހުން ވިދާޅުވީ، މިއަދު މާލެ ސަރަޙައްދުގެ ހުޅުލެއަށް ފިނިހޫނުމިން ހުރީ 32.6 ޑިގްރީ ސެލްސިއަސްއަށް ކަމަށެވެ. އަދި މި ސަރަަޙައްދުގެ އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 37.4 ޑީގްރީ ސެލްސިއަސްގައެވެ. އަދި ހދ. ހަނިމާދޫގައި 32.4 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން ހުރިއިރު، އެރަށުގެ އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 37.5 ގައެވެ.
މީގެ އިތުރުން ލ. ކައްދޫގައި 32.5 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 37.4 ގައެވެ. އަދި ގދ. ކާޑެއްދޫގައި 31.6 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 35.8 ގައެވެ. ހަމަ އެހެންމެ، އައްޑޫ ސިޓީ ގަމުގައި ފިނިހޫނުމިން ހުރީ 31.6 ޑީގްރީ ސެލްސިއަސްއަށެވެ. އަދި އެ ސަރަޙައްދުގެ އިިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 34.6 ޑިގްރީ ސެލްސިއަސްގައެވެ.
އިހުސާސް ކުރެވޭ ފިނިހޫނުމިން ބިނާވަނީ އެ ސަރަހައްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތަށްކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.