ޚަބަރު
"މަޖީދިއްޔަ ނޫރުން" ޤައުމަށް ދިން އަލިކަމަށް ނިމުމެއް ނެތް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ---
"މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ސްކޫލުގެ ހިޔަލުން މި ޤައުމަށް ގެނުވީ ނިމުމެއް ނެތް ކުރިއެރުންތައް ކަމަށެވެ.
މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް.
ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މަޖީދިއްޔާ ސްކޫލުގެ ޝަރަފު ސިފަކޮށްދެމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ސްކޫލަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު ކަމުގައެވެ. އަދި އެއީ "ޢިލްމީ ބަގީޗާ" އެއް ކަމަށް ފާހަގަކުރައްވައި ވިދާޅުވީ، އެ ހަނދާންތަކަކީ ދިވެހި ތާރީޙުން ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ހަނދާންތަކެއް ކަމަށެވެ.
މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ". މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެ މަނިކުފާނު ވަނީ، މަޖީދިއްޔާގެ މި ޙާއްސަ މުނާސަބަތާ ގުޅިގެން ދުވަހުގެ ހެޔޮއެދުންތަކާއި ތަޙުނިޔާ، ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި، ބެލެނިވެރީންނަށާއި، މުދައްރިސުންނަށާއި، ހިންގުންތެރީންނަށާއި އަދި ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ،
އެ މަނިކުފާނުގެ މެސުޖު މިންމަވާލެއްވީ މަޖީދިއްޔާ ސްކޫލުގެ މާނަ ފުން ލަވައިގެ ބައިތަކުންނެވެ.
މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ
މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ
ފުރާށޭ ދަރީން ހިތް ޢުލޫމުން މިތާ
ކުރާށޭ ފިދާ ޖާނު ވަޠަނަށްޓަކައި
މި މަތިވެރި ޢިލްމީ ޢިމާރާތްތަކަށް
އެދޭނީ ޙަޔާތާ އުޖާލާ ކަމަށް